ދެކުނު ކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރު 5 ހަރަކާތެއް މި އަހަރުތެރޭ ހިންގަން ރާވާފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ ދެކުނު ކޮރެއާ މާކެޓަށް އަމާޒުކޮށް މިއަހަރުގެ މިހާތަނަށް ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާނެ ކަމަށެވެ. މީގެ އިތުރުން އަދި ކުރިއަށްއޮތް ތަނުގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.

މީގެތެރޭގައި މީޑިއާ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕް އެއާރލައިންތަކާއި، ގުޅިގެން ހިންގާ ކެމްޕެއިނާއި، ލޯކަލް އޯޓީއޭ އަދި ހަނިމޫން އެޖެންސީތަކާއި ގުޅިގެން ކުރިއަށްދާ ކެމްޕެއިން ތަކުގެ އިތުރުން ޕްރިންޓް މީޑިޔާގައި ރާއްޖެ އިޝްތިހާރުކުރުން ހިމެނޭކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދެކުނު ކޮރެއާއިން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މި އަހަރު ފެބްރުއަރީގެ ނިޔަލަށް ދެކުނު ކޮރެއާ މާކެޓުން ޒިޔާރަތްކޮށްފައިވަނީ 162 ފަތުރުވެރިން ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. 2019 ވަނަ އަހަރު ދެކުނު ކޮރެއާ މާކެޓުން 36،609 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި މާކެޓު ވެގެން ދިޔައީ 12 ވަނައަށް އެންމެ ގިނަ އަދަދަކަށް ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓަށެވެ.

މިއަހަރުގެ މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ދެކުނު ކޮރެއާގައި ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ސަބަބުން ރާއްޖެއަކީ މި މާކެޓްގައި ޗުއްޓީ ހޭދަކުރުމަށް އެންމެ އިސްކަންދޭ ގައުމަކަށް ވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި ދެކުނު ކޮރެއާ މާކެޓުން މި އަހަރު 4 ބޮޑު އެއަރލައިނެއް ރާއްޖެއަށް އޮޕަރޭޓްކުރުމާއި ގުޅިގެން މި މާކެޓުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ޒިޔާރަތްކުރެވޭ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމުގެ 24 ގަޑިއިރުގެ ކުރިން އޮންލައިން ހެލްތް ޑިކްލަރޭޝަން ފޯމެއް ހުށަހަޅައި، 96 ގަޑިއިރުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށް ނެގެޓިވް ނަތިޖާ ހުށަހަޅަންޖެހެއެވެ.