ޕެންޑަމިކަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ވިޒިޓް މޯލްޑިވްސްއިން ކުރި ކާމިޔާބު މަސައްކަތްތަކުގެ ފަހަތުގައި ވަނީ ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ސިއްހީ ދާއިރާގެ މަސައްކަތްތަކުގެ މިންނެތް މަސައްކަތް ކަމަށް ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

ތައްޔިބު މިފަދައިން ވިދާޅުވީ އިންޓަނޭޝަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް) ވަރޗުއަލް އޭޝިއާ 2021 ފެށުމުގެ ގޮތުން ބޭއްވި ޕްރެސް ކޮންފެރެންސް ގައި ވާހަކަދައްކަވަމުންނެވެ.

މި ޕްރެސް ކޮންފެރެންސްގައި ކޮވިޑް-19 ބަލިމަޑުކަމުގައި ރާއްޖޭގެ ރިކަވަރީ ސްޓްރެޓަޖީ އާއި މުހިންމު މާކެޓްތަކަށް އައި ބަދަލުތަކާއި ވިޒިޓް މޯލްޑިވްސް އިން ކުރިއަށް ގެންގޮސްފައިވާ މާކެޓިން ހަރަކާތްތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލާއި ބެހޭ ގޮތުން ތއްޔިބު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ތައޔްިބު ވިދާޅުވީ ވިޒިޓް މޯލްޑިވްސްއިން ކުރި މަސައްކަތްތައް ކާމިޔާބުވުމުގެ ފަހަތުގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކާއި, ގުދުރަތީ ގޮތުން ރާއްޖެ ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމުގެ އިތުރުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ބުރަ މަސައްކަތް ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުމާއި ގުޅިގެން ދިވެހި ސަރުކާރުން ފަތުރުވެރިންނާއި ދިވެހިރައްޔިތުންގެ ސަލާމަތަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅިކަން ތައްޔިބު ވަނީ ފާހަގަކުރައްވާފައެވެ.

އިންޓަނޭޝަލް މީޑިއާ މާކެޓްޕްލޭސް ކުރިޔަށް ގޮސްފައިވަނީ މި މަހު 16 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި އިވެންޓަކީ ދުނިޔޭގެ މީޑިޔާތައް ބައިވެރިވި އަދި އެފަރާތްތަކާއި ބައްދަލުކޮށްރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް, ރާއްޖެ އިޝްތިހާރު ކުރުމަށް ފުރުސަތުލިބިގެންދިޔަ އިވެންޓެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.

އައިއެމްއެމް ވަރޗުއަލް އޭޝިއާ 2021 އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ބްރޭންޑްތަކުން ނޫސްވެރިންނާއި ބައްދަލުކުރުމަށް މަގުފަހިކޮށްދޭ އިވެންޓެކެވެ. މީގެ އިތުރުން މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ނޫސް ކޮންފެރެންސް ތަކާއި ޕެނެލް ޑިސްކަޝަން ތަކުގައި ބައިވެރިވުމުގެ ފުރުރުސަތުލިބިގެންދެއެވެ.

މިއިވެންޓުގައި ވިޒިޓް މޯލްޑިވްސް އިން މަޝްހޫރު މީޑިއާތައް ކަމަށްވާ ބީބީސީ, ނެޝަނަލް ޖިއޮގްރަފިކް އަދި ދަ ސްރެއިޓްސް ޓައިމްސް ފަދަ މީޑިޔާ ތަކުގެ ނޫސްވެރިންނާއި ބައްދަލުކޮށް ރާއްޖޭގެ ފަތުރުވެރި ކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރިއެވެ.