އަންނަ އަހަރުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަކަށް ބަހާލެވިފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު ސޮއި ކުރައްވާ ނެރުނު ސަރކިއުލާގައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 4 ވަނަ ބާބުގެ ދަށުން، މިނިސްޓަރއޮފް ފިނޭންސް ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށާއި މިގޮތުން 2022 އިން 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތާއި، ބަޖެޓު އެކުލަވާލުވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ނިއު ޕޮލިސީ އިނީޝިއޭޓިވްސްތަކުގެ ބަޖެޓު ހުށަހެޅުން ވަނީ ދައުލަތުގެ އެންމެހާ އޮފީސްތަކަށް ހިއްސާކޮށްފައި ކަމަށެވެ.

ބަޖެޓް ތައްޔާރުކުރުމުގެ ދެވަނަ މަރުހަލާއަކީ ބޭސްލައިން ބަޖެޓު ތައްޔާރުކުރުމުގެ މަރުހަލާ ކަމަށާއި ބޭސްލައިން ބަޖެޓަކީ އޮފީސްތަކުން މިހާރު ކުރިޔަށް ގެންދާ ނުވަތަ ހިނގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ ތެރޭގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި އައު މަޝްރޫޢުތައް ނުވަތައިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެ ކަމަށާއި ބޭސްލައިން ބަޖެޓް ތައްޔާރުކުރަން ވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓު ސީލިންގއަށްވުރެ ބޮޑު ނުވާނޭހެން އަދި މި ސަރކިއުލަރގެ އެނެކްސް 1 ގައިވާ ބަޖެޓުގެ އަމާޒުތައް ހާސިލުކުރެވޭނެ ގޮތަށް ހަރަކާތްތައް ރާވައިގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލާގައިވެއެވެ.

ބަޖެޓް ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކުރެވި މިހާރު ދަނީ ތައްޔާރުކޮށް ފައިނަލް ކުރެވެމުން ކަމަށެވެ.

އަދި ބަޖެޓު ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެއްކަމަށްވެސް ފިނޭންސްއިން ބުންޏެވެ.

މިގޮތުން ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކުރެވި މިހާރު ދަނީ ތައްޔާރުކޮށް ފައިނަލް ކުރެވެމުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އަދި ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ބަޖެޓު އަދި ބޭސްލައިން ބަޖެޓު ތައްޔާރުކުރަން ވާނީ މި ޕްރޮގްރާމް އޮނިގަނޑުގެ ތެރެއަށް ފައްތައިގެންކަމަށާއި، މި ޕްރޮގްރާމް އޮނިގަނޑުގައި ހިމެނޭ ޕްރޮގްރާމްތައް ހާސިލު ކުރެވޭ މިންވަރު އަންގައިދޭ ޕަރފޯމަންސް އިންޑިކޭޓަރުތައް ވެސް މި އަހަރުގެ ތެރޭގައި އޮފީސްތަކުގެ މަޝްވަރާއާއެކު އެކުލަވާލެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

2022 އިން 2024 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާ ބޭސްލައިން ބަޖެޓު 12 އޮގަސްޓު 2021 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުއްވުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.