ޔޫރޯ 2020 އަށް ތައްޔާރުވުމަށް ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުން ކުޅެމުންދިޔަ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބަލިން ރަނގަޅުވެ އަލުން ސްކޮޑާއި ގުޅިއްޖެއެވެ.

މުބާރާތަށް ތައްޔާރުވުމަށް ސްޕެއިން އިން އެކުވެރިކަމުގެ މެޗުތަކެއް ކުޅެމުން ދަނިކޮށް ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވީ މުބާރާތް ފެށުމަށް ހަފްތާއަކަށް ވެފައި ވަނިކޮށެވެ. މިއާއެކު އެ ގައުމުން އެކުވެރިކަމުގެ ފަހު މެޗުގައި ލިތުއޭނިއާ އާއި ދެކޮޅަށް ބޭނުންކުރީ އެ ގައުމުގެ 21 އަހަރުން ދަށުގެ ޒުވާން ޓީމެވެ.

އަދި މުބާރާތުގައި ސްޕެއިން ޓީމުން ކުޅުނު ފުރަތަމަ މެޗުގައިވެސް ބުސްކެޓްސް އަށް ވަނީ ފުރުސަތު ގެއްލިފައެވެ. އެހެންނަމަވެސް ސްޕެއިންގެ ގައުމީ ޓީމުގެ ރަސްމީ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުން އެގައުމުގެ ކެޕްޓަން ކޮވިޑުން ރަނގަޅުވެ، ހޮނިހިރު ދުވަހުގެރޭ ޕޮލެންޑާއި ދެކޮޅަށް ކުޅޭ މެޗަށް، ހުކުރު ދުވަހުގެ ވަގުތެއްގައި އަލުން ސްކޮޑާއި ގުޅޭނެ ކަމަށެވެ.

އެހެންނަމަވެސް މި މެޗުގައި ބުސްކެޓްސް ފުރަތަމަ 11 އިން ފެނިދާނެކަން ނުވަތަ މެޗުން ފެނިދާނެކަމަށް މި ބަޔާނުގައި ބުނެފައެއް ނުވެއެވެ. އެއީ މިފަދަ މުބާރާތެއްގެ މެޗެއްގައި ކުޅުމަށް އޭނާ އެހާ އަވަހަށް ފިޓު ނުވެދާނެތީކަމަށް ބޭރުގެ މީޑިއާ އިން ރިޕޯޓްކުރެއެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި މުޅި މެޗު އެއްކޮށް ނުކުޅުނު ކަމުގައިވީ ނަމަވެސް މެޗުގެ ކޮންމެސް ހިސާބަކުން ބުސްކެޓްސް ފެނުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތުގައި ސްޕެއިން އިން ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެން އާއި ވާދަކޮށް ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށްދާން ސްޕެއިން އަށް ޕޮލެންޑް އަތުން މޮޅުވުމަކީ މުހިންމު ކަމެކެވެ. މި މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 00:00 ގައެވެ.