ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕް އަށް ބަދަލު ގެނެސް އިތުރު ފީޗަރ ތަކެއް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މޮބައިލް ބޭންކިން އެޕަށް ތައާރަފުކުރެވުނު ފީޗަރ ތަކުގެ ތެރޭގައި ކުއިކް ޕޭ، ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފަރ ކުރެވޭ ފަސޭހަ ގޮތެއް ހިމަނާފައިވާނެ ކަމަށާއި، ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތް ވުމާއި، ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް ވުމާއި، ޕަރސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެ އިންތިޒާމާއި، ބޭންކިންގ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުމާއި، ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބޭނެ ފީޗަރ ހިމަނާފައިވާނެ ކަމަށެވެ.

މި ތައާރަފުކުރެވުނު އައު ފީޗަރ ތަކާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އަައު އެޕް މިއަދު ތައާރަފް ކުރެވުގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ބީއެމްއެލްގެ ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް ޓިމް ވިދާޅުވިއެވެ.

އަލަށް ތައާރަފް ކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތައް ހިމެނިގެންދާނެ ކަމަށާއި، ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާރތަކެއް ތައާރަފް ކުރެވިގެންދާނެ ކަމަށް ޓިމް ވަނީ ވިދާޅުވެފައެވެ.

2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެ ބޭންކުން ބުނެއެވެ.

އަދި ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އޮންލައިން ބޭންކިންގ އަށް ރަޖިސްޓްރީ ކޮށްފައިވާކަމަށާއި، މިދިޔަ އަހަރު 73 މިލިއަން އަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައިވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.