މީހުން ދިރިއުޅޭ ގެތަކުގައި ފަތުރުވެރިން ބޭތިއްބޭ ގޮތަށް "ހޯމް ސްޓޭ" ޓޫރިޒަމް، ރާއްޖޭގައި ތައާރަފްކުރުމަށް މިއީ، އެންމެ ރަނގަޅު ވަގުތެއް ނޫންކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ބުނެފިއެވެ.

ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށަން ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ.

މިކަމާއިގުޅިގެން ޖީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޯމް ސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމުގައި ދެކޭ ކަމަށެވެ.

އެހެންނަމަވެސް، ހޯމް ސްޓޭ ތައާރަފްކުރަން މިހާލަތުގައި މިއީ އެންމެ ރަނގަޅު ވަގުތުތޯ ވިސްނާލުން ނުހަނު މުހިއްމުކަމަށް ބަޔާނުގައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރުން މަދުވެ މުޅި ޓުއަރިޒަމް ސިނާއަތަށް ހީނަރުކަމެއް އައިސް، ސިނާއަތައް ބޮޑެތި އިންވެސްޓްތައްކޮށް ޚިދުމަތްދެމުންދާ ރިސޯޓްތަކާއި، ލިވަބޯރޑްތަކާއި އަދި ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ނުހަނު ގިނަ ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައިކަން ގެސްޓްހައުސް އެސޯސިއޭޝަންގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އާމްދަނީ ލިބުން ދަތިވެފައިވާ މިދަނޑިވަޅުގައި، ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރަމުން އަންނަ މަސައްކަތްތެރިންގެ ވަޒީފާގެ ކަށަވަރުކަން ދަމަހައްޓާދިނުމާއި، ގެސްޓްހައުސްތައް ދެމެހެއްޓެނިވި ގޮތަކަށް ހިންގާ ބެލެހެއްޓުން ވަނީ ނާޒުކު ފައްތަރެއްގައި ކަމަށްވެސް ބުނެފައިވެއެވެ.

މިހާލަތަކީ ރާއްޖޭގައި އުފެދިފައިވާ ގެސްޓްހައުސްތަކާއި، އަދި ގުޅިފައިވާ ކުދި ވިޔަފާރިތައް ކޮޅަށްޖެހުމަށް ނުހަނު ގިނަ މަސަތްކަތާއި އެހީތެރިކަން ބޭނުންވެފައިވާ ވަގުތެއްކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފައިވަނީ، އެސިނާއަތުގެ ބޮޑުބައެއް ބިނާވެފައިވަނީ ބޭންކް ފައިނޭންސިން ބޭނުންކޮށްގެން ކަމަށެވެ.

އެެހެންކަމުން ބޭންކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ލަސްވުމަކީ، ބޭންކްތަކަށް އޭގެ ސަބަބުން ތަކްލީފާއި ގެއްލުން ތަހައްމަލް ކުރަންޖެހޭނެ ކަމެއް ކަމަށެެވެ. އެފަރާތްތަކުން އެސިނާއަތަށް ކުރާ އިތުބާރު ގެއްލި ގެސްޓްހައުސްތަކުގެ ތަރައްޤީއަށް ހުރަސް އެޅުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

އެއްގެއެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅޭގޮތަށް ގެތައް އިމާރާތްކުރެވިފައިވާ ރާއްޖޭގައި، ހޯމް ސްޓޭގެ ސަބަބުން ދިމާވެދާނެ އިޖްތިމާއީ މައްސަލަތަކުގެ އިތުރުން، މިހާރު ރާއްޖެ މިއޮތް ހާލަތުގައި ހޯމްސްޓޭއިން ފަތުރުވެރިންނާއި އެ ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކުގެ ސެކިއުރިޓީއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު އެއެސޯސިއޭޝަނުން ކަންބޮޑުވާ ކަމުގައިވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ މައްސަލަތަކަށް ފުރިހަމައަށް ކުރިމަތިލާ ހައްލު ހޯދައިދެވޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމައަށް ތައްޔާރު ނުވެވެނީސް އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި، އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާނުކޮށް ހޯމްސްޓޭ ތައާރަފްކޮށްފިނަމަ، އޭގެ ސަބަބުން ރާއްޖެއަށް، ޒަމާނުއްސުރެއް ބުރަމަސައްކަތުން ލިބިފައިވާ ރީތިނަން ހުތުރުވެ ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ރާއްޖެ ފާހަގަވެގެންދާނެ ކަަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ގެސްޓްހައުސް ސިނާއަތަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަން މުހިއްމުވެފައިވާ މި ދަނޑިވަޅުގައި، ހޯމްސްޓޭ ޓުއަރިޒަމް ތައާރަފްކުރަން މިއީ އެންމެ ރަނގަޅު ވަގުތުނޫން ކަމުގައިދެކޭކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.