"ލާދީނީ" ގޮވުން ހުއްޓުވަން ގޮވާލައި ހަދާފައިވާ ޕެޓިޝަނެއްގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު ވަނީ ފޭސްބުކާއި، ޓުވިޓާގައި، އެ ޕެޓިޝަނުގެ ލިންކު ހިއްސާކޮށް، އޭގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.

ޕެޓިޝަންގެ ލިންކާއެކު ކުރެއްވި ޓުވީޓްގައި ރައީސް ނަޝީދު ވަނީ، ނަފުރަތު އުފެއްދުމުގެ ވަކި ގޮތަކަށް މީހާ ލޭބަލް ކުރުން ހުއްޓުވުމަށް މި ޕެޓިޝަންގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.

ހަސަން ކުރުސީ ނަމަކަށް ކިޔާ މީހަކު ފަށާފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ، އެއީ މީހުންނަށް ލާދީނީ ކިޔުމާއި އަދި ކާފަރަށް ގޮވުން ހުއްޓުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ. އަަދި އެއީ ގާނޫނުން ފާސްކުރަން ޖެހޭ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ، ދީނީ ލޭބަލްގެ ސަބަބުން ފާއިތުވި 10 އަހަރު ތެރޭގައި މާލެ މަގުމަތީގައި ގިނަ ބައެއްގެ ލޭ އޮހޮރިފައިވާ ކަމަށެވެ.

އަދި ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ ހަރުކަށި ފިކުރުގެ މީހުން ކޮންޓްރޯލުން ނެއްޓޭކަމުގެ މިސާލެއް ކަމަށްވެސް ބުފައިވެއެވެ. މިފަދަ މީހުން ބޭނުންކުރާ އެންމެ މޮޅު އުކުޅަކީ އެހެން މީހުންނަށް ލާދީނީ ގޮވުން ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފައެވެ.

އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ތާއީދުކުރާ ކަމަށާއި ބޭނުންވަނީ ތަހުޒީބީ، މެދު މިނުގެ އިސްލާމީ ދައުލަތެއް ގާއިމް ކުރަން ކަމަށާއި، މިއަދު މިކަން ނުކޮށްފިނަމަ ކުރިއަށް އޮތް ޖީލުތަކަށްވެސް މީގެ އަސަރު ކުރާނޭ ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފައެވެ.

"ލާދީނީ" ގޮވުން ހުއްޓުވަން ގޮވާލައި ހަދާފައިވާ ޕެޓިޝަނެއް އާންމުވެފައިވާއިރު، ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް މިފަހުން ބިލެއްވެސް ވަނީ ހުށައަޅާފައެވެ.

ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ބިލިގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ހުށަހަޅާފައެވެ.

އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރުކުރުން ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅާފައެވެ.