ފަރެސްމާތޮޑާ އެއަރޕޯޓުގެ ފަޔަރ ބިލްޑިން ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ މަސައްކަތް ކުރިޔަށްގެންދިޔަމަށް ހަވާލުކޮށްފައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ، އެމްޓީސީސީން ބުނެފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ އެއާޕޯޓިގެ ފަޔަރ ބިލްޑިންގް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޓާރމިނަލް ގްރައުންޑްގެ ލެވެލިންގ މަސައްކަތްތައް ކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން އެއާޕޯޓްގެ ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން މައުލޫމާތު ދެއެެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރްގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ދިގު ރަންވޭއަކާއި، ޓެކްސީ ވޭ އަކާއި، ޓާމިނަލް ބިލްޑިންގއެއްގެ އިތުރުން އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144.88 މިލިއަން ރުފިޔާއަށެވެ.

ފަރެސްމަތޮޑާ އެއާޕޯޓު އަޅަން ހަމަޖެހިފައިވަނީ އެރަށާ ގާތްގަނޑަކަށް 100 މީޓަރު ދުރުގައި އޮންނަ ފަޅު ރަށެއްގައެވެ.

މި ދެރަށް ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެންމެ ފުރަތަމަ ފަށަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް ދި،މާވި މައްސަލަތަކަކާހުރެ ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ފަށާފައިވަނީ ލަހުންނެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ފުރައިގެން 30 މިނެޓުން ދެވޭ ދުރުމިނުގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ސަރުކާރުގެ ވައުދެކެވެ.