ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދެނުމު ބޮމުގެ ހަމަލާއާ ގުޅިގެން، އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް އޮޅުންފިލުވުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކޮމިޓީގެ ބައެއް މެންބަރުން ސިފައިންގެ މައި މަރުކަޒަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގާ އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް 241 ކޮމިޓީގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކޯޓަރޒް އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ސިފައިންގެ މަރުކަޒަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި ނައިބު މުގައްރިރު ހަސަން ލަތީފުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ.

ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހާޒިރުކޮށް، މިއަދު ވަނީ ސުވާލުކޮށްފައެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެސްޕީޖީގެ ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރަ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފްގެ އިތުރަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިންވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމާއި މާލެސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދުވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް އެކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.