ޔޫރޯ 2020 މުބާރާތުގެ މެޗް ޑޭ 2 ނިމުނުއިރު މުބާރާތުގައި ހިމެނޭ 24 ޓީމުގެ ތެރެއިން ތިން ޓީމަކުން މުބާރާތުގެ ނޮކް އައުޓް ސްޓޭޖުން ޖާގައެއް ވަނީ ޖާގަހޯދާފައެވެ. އެގޮތުން މިހާތަނަށް މުބާރާތުގައި 24 މެޗު ކުޅެފައިވާއިރު ރައުންޑް އޮފް 16 އިން ޖާގަ ހޯދާފައިވަނި ގްރޫޕް އޭ އިން އިޓަލީ އާއި، ގްރޫޕް ބީގެ ބެލްޖިއަމްގެ އިތުރުން ގްރޫޕް ސީގެ ނެދަލެންޑްސް އެވެ.

ދެވަނަ ބުރު ޔަގީން ކޮށްފައިވާ 3 ޓީމް:

އިޓަލީ

މުބާރާތުގައި ވާދަކުރާ އިޓަލީ ޓީމް- ފޮޓޯ:- ގެޓީ އިމޭޖަސް

މުބާރާތުގެ ދެވަނަ ބުރުން އިޓަލީ ޖާގަހޯދީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ޖުމްލަ 6 ޕޮއިންޓުގެ އިތުރުން ފައިދާ 6 ގޯލާއި އެކުއެވެ. އެ ގައުމުން ކުޅުނު ދެ މެޗުގައިވެސް ކޮންމެ މެޗެއްގައި ތިން ލަނޑު ކާމިޔާބު ކޮށްފައިވާއިރު މިހާތަނަށް އެ ޓީމު ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

އެ ޓީމުގެ ހަ ލަނޑުގެ ތެރެއިން އުންމީދީ ފޯވާޑް ޗީރޯ އިމޯބިލޭ އާއި މެނުއެލް ލޮކަޓެލީ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. އަނެއް ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ތުރުކީ އާއި ދެކޮޅަށް އެ ގައުމުން ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ތުރުކީގެ މެރިހް ޑެމިރަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެން އެ ގައުމުން ކާމިޔާބު ކުރި ލަނޑުތައް ޖަހާފައިވަނީ ލޮރެންޒޯ އިންސީނިޔޭ އެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް އިޓަލީން 3 ލަނޑު ކާމިޔާބު ކޮށްފައިވާއިރު މިއީ ޔޫރޯގެ ތާރީހުގައިވެސް އެ ޓީމަށް އެއް މެޗުގެ ތެރޭގައި ތިން ލަނޑު ޖެހުނު ފުރަތަމަ ފަހަރެވެ.

ޔޫރޯގައި އިޓަލީގެ ކާމިޔާބީއަށް ބަލާލާއިރު އެ ގައުމަށް މުބާރާތް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1968 ވަނަ އަހަރުގައި ބޭއްވި ޔޫރޯގެ ތިންވަނަ މުބާރާތެވެ. އެ އަހަރު މުބާރާތް ބޭއްވީވެސް އިޓަލީގައެވެ. މުބާރާތުގެ ރަނަރަޕް ކަން އެގައުމުން ދެ ފަހަރު ހޯދާފައިވާއިރު އެއީ 2000 ވަނަ އަހަރުގެ މުބާރާތާއި 2012 ވަނަ އަހަރުގެ މުބާރާތެވެ. އެންމެފަހުން ބޭއްވި ޔޫރޯ މުބާރާތް ކަމަށްވާ ޔޫރޯ 2016 ގައި އިޓަލީން ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ފްރާންސްގައި ބޭއްވި 2016 މުބާރާތުން އިޓަލީ ކެޓީ ކުއާޓަރ ގައި ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ.

ބެލްޖިއަމް

މުބާރާތުގައި ވާދަކުރާ ބެލްޖިއަމް ޓީމް- ފޮޓޯ:- ގެޓީ އިމޭޖަސް

ފުޓުބޯޅައިގެ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމްވެސް މި މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދީ ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްގެނެވެ. ބެލްޖިއަމް ހިމެނޭ ގްރޫޕްގެ އެއްވަނައިގައި މިވަގުތު ބެލްޖިއަމް އޮތްއިރު އެ ޓީމުން ވަނީ ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. ބައިކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. އެހެންކަމުން އެ ގައުމަށް ފައިދާ 4 ގޯލު ލިބޭނެއެވެ.

ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅޭ ގިނަ ކުޅުންތެރިންނާއިއެކު ބެލްޖިއަމުން މުބާރާތާއި ކުރިމަތިލިއިރު އެ ޓީމަކީ މިފަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ. އެ ގައުމުން މުބާރާތުގައި ކާމިޔާބު ކޮށްފައިވާ 5 ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ތަޖުރިބާކާރު ފޯވާޑް ރޮމެރޫ ލުކާކޫ އެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކޮށްދިނީ ތޯގަން ހަޒާޑާއި ކެވިން ޑި ބްރޫނޭ އަދި ތޯމަސް މިއުނިއަރ އެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޔޫރޯގައި ބެލްޖިއަމްގެ ތާރީހަށް ބަލާލާއިރު މުބާރާތުގައި އެ ގައުމުން ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ 1980 ވަނަ އަހަރު ރަނަރަޕް ކަން ހޯދުމެވެ. މީގެއިތުރުން އެ ގައުމުން ވަނީ މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރު އަދި ޔޫރޯގެ ހަތަރުވަނަ މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

2016 ވަނަ އަހަރުގެ ޔޫރޯގައި ބެލްޖިއަމް އިން ތަފާތު ދެއްކިނަމަވެސް އެ ގައުމު ވަނީ މުބާރާތުގެ ކުއާޓަރ އިން ކަޓާފައެވެ. ކުއާޓަރ ފައިނަލުން ވޭލްސް އަތުން ބެލްޖިއަމް ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ. އޭގެކުރިން 2012، 2008، 2004 ވަނަ އަހަރު ބޭއްވި ޔޫރޯގެ މުބާރާތްތަކަށް ބެލްޖިއަމް ކޮލިފައިއެއް ނުވެއެވެ.

ފަސޭހަކަމާއެކު ބެލްޖިއަމުން ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވާއިރު މިއީ އެ ގައުމުން 13 އަހަރަށްފަހު މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ނޮކް އައުޓް ސްޓޭޖަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ނެދަލެންޑްސް

މުބާރާތުގައި ވާދަކުރާ ނެދަލެންޑްސް ޓީމް- ފޮޓޯ:- ގެޓީ އިމޭޖަސް

މުބާރާތުގެ ނޮކް އައުޓް ސްޓޭޖުން ނެދަލެންޑްސް ޖާގަ ހޯދީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއި ފައިދާ ތިން ގޯލާއި އެކުއެވެ. ދެ މެޗުން ނެދަލެންޑްސް 5 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ދެ ލަނޑު ވަނީ ވަދެފައެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސް އިންވަނީ ޔޫކްރެއިންގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި ނެދަލެންޑްސްގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ޖޯޖީނިއޯ ވައިނާލްޑަމް އާއި ވޫޓް ވެގްހޯސްޓުގެ އިތުރުން ޑެންޒެލް ޑަމްފްރީސް އެވެ. މި ބުރުގެ ދެވަނަ މެޗުގައި އޮސްޓްރިއާ އަތުން ނެދަލެންޑްސް ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ގައުމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މެމްފިލް ޑިޕާއި އާއި ޑެންޒެލް ޑަމްފްރީސް އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނެދަލެންޑްސް ނުކުންނާނީ އެ ޓީމު ހިމެނޭ ގްރޫޕް ސީގެ ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ނޯތް މެސަޑޯނިއާ އާއި ދެކޮޅަށެވެ.

ޔޫރޯގައި ނެދަލެންޑްސްގެ ތާރީހަށް ބަލާލާއިރު މި މުބާރާތުގެ ޗެމްޕިއަންކަން 1988 ވަނަ އަހަރު އެ ގައުމުން ވަނީ ހޯދާފައެވެ. އަދި އޭގެ އިތުރުން މުބާރާތުގެ ތިންވަނަ 4 ފަހަރަށް ހޯދާފައިވެއެވެ. އެއީ 1976 ވަނަ އަހަރާއި 1992 ވަނަ އަހަރުގެ އިތުރުން 2000 ވަނަ އަހަރު އަދި 2004 ވަނަ އަހަރެވެ. 1976 ވަނަ އަހަރު ތިންވަނަ ހޯދިއިރު އެއީ މުބާރާތުގައި އެ ގައުމުން ވާދަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެންމެފަހުން ބޭއްވުނު ޔޫރޯ މުބާރާތް ކަމަށްވާ ޔޫރޯ 2016 އަށް ނެދަލެންޑްސް ކޮލިފައިއެއް ނުވެއެވެ. އަދި އޭގެ ކުރިން 2012 ވަނަ އަހަރު ނެދަލެންޑްސް މުބާރާތުން ވަކިވީ ގްރޫޕް ސްޓޭޖުންނެވެ.

މެޗް ޑޭ 2 ނިމުނުއިރު ޓޮޕް ސްކޯރަރުން

މިހާތަނަށް މި މުބާރާތުގައި 24 މެޗު ކުޅެފައިވާއިރު ޖުމްލަ 55 ލަނޑު ވަނީ ޖަހާފައެވެ. އެގޮތުން އެންމެ ގިނަ ލަނޑު ޖަހާފައިވާ ޓީމަކީ އިޓަލީއެވެ. އެގައުމުން ވަނީ ޖުމްލަ 6 ލަނޑު ކާމިޔާބު ކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ލަނޑުޖަހާފައިވަނި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ނެދަލެންޑްސްގެ އިތުރުން ބެލްޖިއަމް އިންނެވެ. މީގެން ކޮންމެ ޓީމެއް ވަނީ ފަސްލަނޑު ޖަހާފައެވެ. މުބާރާތުގައި މިހާތަނަށް ލަނޑެއް ކާމިޔާބު ނުކުރެވެނީ ސްކޮޓްލެންޑާއި ތުރުކީ އަށެވެ. ތުރުކީ ކޮޅަށް ފަސް ލަނޑު ވަދެފައިވާއިރު ސްކޮޓްލެންޑު ކޮޅަށް ވަދެފައިވަނި ދެ ލަނޑެވެ.

އިޓަލީ އާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ވަކިވަކި ކުޅުންތެރިންނަށް ބަލާލާއިރު މި މުބާރާތުގެ އެންމެ ގިނަ ލަނޑުޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި ދެ ކުޅުންތެެރިއަކު އެބަ އޮތެވެ. އެއީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޗެކް ރިޕަބްލިކުގެ ޕެޓްރިކް ޝިކް އެވެ. މީގެން ކޮންމެ ކުޅުންތެރިއަކު ވަނީ 3 ލަނޑު ޖަހާފައެވެ. ރޮނާލްޑޯ އަކީ ޔޫރޯގެ ތާރީހުގައިވެސް މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ޖުމްލަ 12 ލަނޑު ޔޫރޯގައި ކާމިޔާބު ކޮށްފައެވެ.

ރޮނާލްޑޮ ވަނީ މިހާތަނަށް ޔޫރޯގައި 11 ލަނޑު ކާމިޔާބު ކޮށްފަ- ފޮޓޯ:- ގެޓީ އިމޭޖަސް

ޔޫރޯ 2020: ޓޮޕް ސްކޯރަރ ލިސްޓު-

1. ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) - 3 ލަނޑު

2. ޕެޓްރިކް ޝިކް (ޗެކް ރިޕަބްލިކް) - 3 ލަނޑު

3. އެންޑްރީ ޔަރްމޮލެންކޯ (ޔޫކްރެއިން) - 2 ލަނޑު

3. ޗީރޯ އިމޮބިލޭ (އިޓަލީ) - 2 ލަނޑު

3. ޑެންޒެލް ޑަމްފްރީސް (ނެދަލެންޑްސް) - 2 ލަނޑު

3. މެނުއެލް ލޮކަޓެލީ (އިޓަލީ) - 2 ލަނޑު

3. ރޯމަން ޔަރެމްޗުކް (ޔޫކްރެއިން) - 2 ލަނޑު

3. ރޮމެރޫ ލުކާކޫ (ބެލްޖިއަމް) - 2 ލަނޑު

މީގެއިތުރުން މުބާރާތުގެ އެހެން ސްޓެޓިސްޓިކްސް އަށް ބަލާލާއިރު މިހާތަނަށް ލަނޑުޖަހަން އެންމެ ގިނަ އެސިސްޓް ކޮށްދީފައިވަނީ ވޭލްސްގެ ކެޕްޓަން ގެރެތް ބޭލް އެވެ. އެއީ 2 އެސިސްޓާއި އެކުއެވެ. އަދި 21 ކުޅުންތެރިއަކަށް މިހާތަނަށް ރީނދޫ ކާޑު ދައްކާފައިވާއިރު މުބާރާތުގައި މިހާތަނަށް ދެއްކި ހަމައެކަނި ރަތް ކާޑު ހޯދާފައިވަނި ޕޮލެންޑުގެ ގްރެގޯޒް ކްރިޗޯވިއަކް އަށެވެ.

މުބާރާތުގައި މިހާތަނަށް ދެއްކި ހަމައެކަނި ރަތް ކާޑު ހޯދާފައިވަނި ޕޮލެންޑުގެ ގްރެގޯޒް ކްރިޗޯވިއަކް- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗް ޑޭ 2 އަަށްފަހު ގްރޫޕް ސްޓޭޖުގެ ފަހުމެޗަށް ހުރިހާ ޓީމަކުން ތައްޔާރުވަމުންދާއިރު ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ގިނަ ކުލަބުތަކަކަށް އެބައޮތެވެ. އެގޮތުން ގްރޫޕް އޭ އިން ވޭލްސް އާއި ސްވިޓްޒަލެންޑަށް މި ފުރުސަތު ލިބޭއިރު ގްރޫޕް ބީ އިން ރަޝިއާ އާއި ފިންލެންޑަށް މި ފުރުސަތު އެބައޮތެވެ.

ވޭލްސް އާއި އިޓަލީ ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން ބޭލް- ފޮޓޯ:- ގެޓި އިމޭޖަސް

ގްރޫޕް ސީ އިން ޔޫކްރެއިން އާއި އޮސްޓްރިއާ އަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތްއިރު ގްރޫޕް ޑީ އިން މި ފުރުސަތު އެ ގުރޫޕުގެ ހަތަރު ޓީމަށްވެސް އެބައޮތެވެ. އެއީ 4 ޕޮއިންޓާއި ފައިދާ ދެ ގޯލާއިއެކު އެއްވަނައިގައި އޮތް ޗެކް ރިޕަބްލިކާއި 4 ޕޮއިންޓާއި ފައިދާ އެއް ގޯލާއިއެކު ދެވަނައިގައި އޮތް އިންގްލެންޑުގެ އިތުރުން އެއް ޕޮއިންޓާއި އެކު ތިންވަނަ އަދި ހަތަރުވަނައިގައި އޮތް ކްރޮއޭޝިއާ އާއި ސްކޮޓްލެންޑެވެ.

ޗެކް ރިޕަބްލިކުގެ ތަރި ޕެޓްރިކް ޝިކް- ފޮޓޯ:- ގެޓީ އިމޭޖަސް

ގްރޫޕް އީގައި ހިމެނޭ ހުރިހާ ޓީމަކަށްވެސް އަދި ދެވަނަ ބުރުގެ އުންމީދު އެބައޮތެވެ. އެއީ ތާވަލުގެ އެއްވަނައިގައި ދެ މެޗުން 4 ޕޮއިންޓާއެކު އޮތް ސްވިޑެން އާއި ދެވަނައިގައި 3 ޕޮއިންޓާއެކު އޮތް ސްލޮވާކިއާގެ އިތުރުން ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮތް ސްޕެއިން އަދި އެއް ޕޮއިންޓާއެކު ފުލުގައި އޮތް ޕޮލެންޑެވެ. މި ގުރޫޕުން ދެވަނަ ބުރު ކަށަވަރުކުރާ ޓީމުތައް އެނގޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.

ސްޕެއިން އާއި ސްވިޑެން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މިފަހަރުގެ މުބާރާތުގެ ގްރޫޕް އޮފް ޑެތް ނުވަތަ މަރުގެ ގްރޫޕްގެ ގޮތުގައި ބެލެވޭ ގްރޫޕް އެފްގެ ހުރިހާ ޓީމަކަށްވެސް ރައުންޑް އޮފް 16 އަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ. އެއީ ގްރޫޕްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތް ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތް ޖަރުމަނުގެ އިތުރުން ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތް އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަދި ފުލުގައި 1 ޕޮއިންޓާއެކު އޮތް ހަންގޭރީ އެވެ.

ޕޯޗުގަލް އާއި ޖަރުމަނު ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މުބާރާތުގެ ގަވައިދުގައި ވާގޮތުން މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ލިބޭނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު މުބާރާތުގައި ހިމެނޭ 6 ގުރޫޕުގެ ތެރެއިން ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކުގެ އިތުރުން މިބުރުގެ މެޗުތައް ނިމޭއިރު ގްރޫޕް ތަކުގެ 3 ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވާ 4 ޓީމަކަށެވެ.

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގެ މެޗުތައް ފަށާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އަދި މިބުރުގެ މެޗުތަކަށްފަހު ކުއާޓަރ ފައިނަލުގެ މެޗުތައް ޖުލައި މަހުގެ ދެވަނަ ދުވަހު ފަށާއިރު ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހުއެވެ. އަދި ޝަރަފްވެރި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނި ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ފައިނަލް މެޗު ކުޅޭނީ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ.