ޔޫރޯ 2020 ގެ ގްރޫޕް އީގައި ޒުވާން ސްކޮޑަކާއެކު މުބާރާތާއި ކުރިމަތިލި ސްޕެއިން އާއި ޕޮލެންޑުގެ ކުރިމަތިލުން އެއްވަރު ވެއްޖެއެވެ.

މި މެޗު އެއްވަރުވި ނަމަވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މި ދެ ޓީމު ހޯދާ ނަތީޖާއަކުން މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ދެ ޓީމަށްވެސް އެބަ އޮތެވެ.

އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން އިން ސްލޮވާކިއާ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތްއިރު ޕޮލެންޑަށް ކިރިއާވެސް ފުރުސަތެއް އޮތީ ފަހު މެޗުގައި ސްވިޑެންގެ މައްޗަށް މޮޅަކާއެކު ރަނގަޅު ނަތީޖާއެއް ނެރެވިގެންނެވެ. މިވަގުތު ތާވަލު އޮތްގޮތުން ދެވަނަ ބުރަށް ދާނީ ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތް ސްވިޑެން އާއި ތިން ޕޮއިންޓާއެކު ދެވަނައިގައި އޮތް ސްލޮވާކިއާ އެވެ. ސްޕެއިން އަށް ދެ މެޗުން ދެ ޕޮއިންޓު ލިބޭއިރު ޕޮލެންޑަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

އަމިއްލަ ގައުމުގައި ސްޕެއިން އިން ޕޮލެންޑާއި ދެކޮޅަށް ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުވެސް ވީ އެއްވަރެވެ. ސްވިޑެން އާއި ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު 0-0 އިން އެއްވަރުވިއިރު އެ މެޗެކޭ އެއްފަދައިން މި މެޗުގައިވެސް ސްޕެއިން އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ.

އެގޮތުން މި މެޗުގައިެވސް މޮޅަށްކުޅެ މެޗުގެ ޕޮސެޝަން އިންސައްތަ ޑޮމިނޭޓްކުރުމުގެ އިތުރުން ގިނަ ހަމަލާތައް އުފެއްދީވެސް ސްޕެއިން އެވެ. 77 އިންސައްތަ ޕޮސެޝަން ސްޕެއިން އިން ކޮންޓްރޯލް ކުރިއިރު އެ ގައުމުން ވަނީ މެޗުގައި ޖުމްލަ 12 ހަމަލާއެއް އުފައްދާފައެވެ. އޭގެތެރެއިން އެ ޓީމަށް ގޯލާއި އަމާޒު ކޮށްލެވުނީ ފަސް ހަމަލާއެކެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސްޕެއިން އިންނެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މިއީ ޖެރާޑް މޮރޭނޯ ތަނަވަސްކޮށްދިން ފުރުސަތަކުން މޮރާޓާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާ އާއިއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ދެވަނަ ހާފުގެ ކުރީކޮޅު ޕޮލެންޑުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަތީޖާއަކަށްވީ މިހާފުގެ 9 ވަނަ މިނެޓުގައި އެ ޓީމުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިއީ ޖޮޒްވިއާކް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޮސްކީ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގައި ސްޕެއިން އަށްވަނި ލީޑުނަގަން އިތުރު ފުރުސަތެއް ލިބިފައެވެ. 58 ވަނަ މިނެޓުގައި ސްޕެއިން އަށް އަލުން ލީޑު ނެގުމަށް ޕެނަލްޓީއެއް ލިބުނުއިރު މޮރޭނޯ ފޮނުވާލި ޕެނަލްޓީ ޖެހުނީ ގޯލުގެ އަރިމަތީ ދަނޑީގައެވެ. އަދި ދަނޑީގައި ޖެހިފައި ރިބައުންސަށް އައި ބޯޅަ މުޅިން ހުސް ގޯލެއްގެ ތެރެއަށް ވައްދާލަން މޮރާޓާ އަށް ދެވަނަ ފުރުސަތެއް ލިބުނުއިރު މޮރާޓާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

މި މެޗާއެކު މިއީ 1996 ވަނަ އަހަރަށްފަހު ޔޫރޯ މުބާރާތެއްގައި ސްޕެއިން އަށް ފުރަތަމަ ދެ މެޗުން މޮޅެއް ނުހޯދުން ފުރަތަމަ ފަހަރެވެ. އަދި މި މެޗުގައި ޖެހި ޕެނަލްޓީ ކާމިޔާބު ނުކުރެވުމާއެކު މިއީ ޔޫރޯގައި މެޗެއްގެ ތެރެއިން ސްޕެއިން އަށް އެންމެފަހުން ލިބުނު 8 ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބު ނުކުރެވުނު 5 ވަނަ ޕެނަލްޓީކަންވެސް ފާހަގަ ކޮށްލެވެއެވެ.

މި ގުރޫޕުގެ އެންެމެ ފަހު މެޗުތައް ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުގެރޭ 21:00 ގައެވެ.