ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ގާނޫނަކަށްވާއިރު އެ ބިލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.

ނަފްރަތުގެ އަމަލު ބަޔާންކޮށް ބިލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވީ އަދާލަތު ޕާޓީގެ އިލްމުވެރިން މިއަދު ރައީސުލްޖުމްހޫރިއްޔާއާއި ކުރެއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމަށް ފަހު އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ވަނީ ނަފްރަތުގެ ކުށާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިމެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ހިއްސާ ކުރެވިއްޖެ ކަމަށާއި މިބިލް ގާނޫނަކަށް ވެގެން އަންނައިރު ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސްވެސް ހިމެނޭހެން މިއަދު ބޭއްވި މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އެ ޕާޓީން ހާމައެއް ނުކުރެއެވެ.

ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތައް އަދާލަތު ޕާޓީން ރައީސްއާއި ހިއްސާކުރެއްވިއިރު ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޕެޓިޝަނެއްވެސް ވަނީ ހުށަހަޅާފައެވެ.

އެ ޕެޓިޝަންގައި ބުނެފައިވަނީ އެ އިސްލާހުގެ ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވިޔަސް އިސްލާމީ މުޖުތަމައު އަކަށް އެއްވެސް ހާލެއްގައި އަދި އެއްވެސް މިންވަރަކަށް ކުޑަނަމަވެސް މަސްލަހަތެއް އެކުލެވިގެންވާ ކަމެއް ނޫން ކަމަށެވެ.

އަދި އޭގެ ސަބަބުން ލިބިގެންދާނެ ގެއްލުންތަކަކީ ފޫނުބެއްދޭ ވަރުގެ ކަންކަން ކަމުގައި ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިން އިއްތިފާގުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް މި ޕެޓިޝަނުގައި ދީނީ އިލްމުވެރިން ވަނީ ރައީސް ސޯލިހަށް އިލްތިމާސްކުރައްވާފައެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެކެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.