ތިރީގައި މިވަނީ، މަޝްހޫރު ތާރީޚީ ލިއުންތެރިޔާ މުހަންމަދު ޝާތިރު ލިއުއްވާފައިވާ ލިއުއްވުމެކެވެ.
****
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އިއްތިހާދުގެ ނުވަތަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފެދުނު ވެރިކަމެއް ނުވަތަ ސަރުކާރެއް ހިންގެވުމުގެ ނަމޫނާ ދައްކަވަމުން ވެރިކަން ހިންގަވަމުންގެންދަވާ ހިކުމަތްތެރި ރައީސެވެ.
ސިޔާސީ ޕާޓީތަކުގެ ނިޒާމުން ވެރިކަން ހިންގުން ރާއްޖެއަށް މުޅިން އަލަށް ތައާރަފުވެ މަލްޓި-ޕާޓީގެ ވެރިކަމުގެ ނިޒާމުން ވެރިކަންކުރުން ރާއްޖޭގައި ގާއިމުވިތާ މިވީ 13 އަހަރަށް ބަލާއިރު، ވެރިކަން ލިބިވަޑައިގެންނެވި އިއްތިހާދުތައް ވަކިވަކިނުވެ، ވެރިކަން ހޯދުމަށް ގުޅިގެން ކުރެވުނު ކެމްޕޭނުގެ މަގުސަދުތައް ހާސިލު ވަނިވި ގޮތްތަކަށް ވެރިކަން ބައްޓަން ކުރައްވައިގެން އިއްތިހާދުގެ ވެރިކަން ކުރައްވަމުންގެންދަވާ ރައީސެވެ. ސިޔާސީ ޕާޓީތަކުގެ އިއްތިހާދުގެ ވެރިކަން ކުރައްވަން އެންމެ ފައްކާ ރައީސްވެސްމެއެވެ. އިއްތިހާދަކުން މެނުވީ، މިރާއްޖޭގައި ހަމަޖެހުމާއެކު. ވެރިކަން ކުރެވެން ނުމެނެތްމެއެވެ. ޚުލްގުހެޔޮ މަޑުމައިތިރި ހިކުމަތްތެރި ވެރިއެކެވެ.
މުޅިދުނިޔެއާއި ރާއްޖެ، ކޮވިޑުގެ ބަލިމަޑުކަމުގެ ވަބާއާއި އޭގެ ސަބަބުން ބަންދުވެ އެކަހެރިިކަމާއި ތަދުމަޑުކަމާއި އެންމެހައި އުދަގޫތަކާއި އުދާސްތައް ފަރުދީ، ގައުމީ، ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވެފައިވާ މިހާލަތުގައެވެ. ގައުމުތަކުގެ އިގުތިސާދީ ވަސީލަތްތައް ހީނަރުވެ މީސްތަކުން މައީޝަތަށް ދުވަހުންދުވަހަށް ހީނަރުކަން އިތުރުވަމުންދާ މިހާލަތުގައެވެ. އަވަސްހައްލެއް ނެތް މިހާލަތުގައިވެސްމެއެވެ.
ދިވެހިގައުމުވެސް މިވަނީ ކުރިން ޚިޔާލަށް ނުގެނެވޭފަދަ ހާލަތެއްގައެވެ. ގައުމުގެ އިގުތިސާދުގެ މައިބަދަ ބިނދިފައެވެ. މިފަދަ ޚުތޫރަތްތެރި ވަގުތުގައި ރައީސް ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތައް (ސިއްހީ، އިގުތިސާދީ، ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތައް) ބައްޓަން ކުރައްވާފައި މިވަނީ ގައުމަށް އެންމެ މަސްލަހަތުހުރި ލާބަޔާ މަންފާ ލިބެނިވި ގޮތްތަކަށެވެ.
މީގެ ތިންއަހަރުކުރިން ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެ އެކަހެރިިވެފައި އޮތްއޮތުން ނެތިގޮސް، މިއަދު މިވަނީ ބައިނަލްއަގުވާމީ މުޖުތައުގައި ރާއްޖެއަށް ލިބެންވާ ހައްގު މަގާމު ހާސިލުކޮށްފައެވެ. ގައުމުތަކާއި ޖަމާއަތްތަކާއި އޮންނަންޖެހޭ ހަރުދަނާ ގުޅުން އަލުން ގާއިމުކޮށް "ރީސެޓް" ވެފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިތުރަށް ކުރިއަރާފަައިވެސްމެއެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެ ފުރިހަމަ ސިޔާސަތުކަން ކަށަވަރެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ރާއްޖޭގެ ސިޔާސީ މަސްރަހަށް ނިކުމެވަޑައިގަތީ 1994 ގައި އޮތް، ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުންނެވެ. މިއިންތިޚާބުގައި ފާދިއްޕޮޅުގެ ގޮނޑިއަށް ހޮވިވަޑައިގެން 1995 އިން 2018 އަށް މެދުނުކެނޑި 24 ނުވަތަ 25 އަހަރު ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން (2009 އިން ފެށިގެން ހިންނަވަރު ދާއިރާގެ މެންބަރުކަން) ކުރެއްވިއެވެ.
ދައުލަތުގެ އެހެން މަގާމެއް އަދާ ނުކުރައްވާ ފުލްޓައިމް އެމް.ޕީ.އެކެވެ. މިއީ ރައްޔިތުންގެ މަޖިލިސްގެ ތާރީޚުގެވެސް ރެކޯޑެކެވެ. 2009ގެ ކުރިން ފުލްޓައިމް އެމް.ޕީއިން ނުވަތަ ދައުލަތުގެ އެހެން މަގާމެއް އަދާނުކޮށް ހަމައެކަނި މަޖިލިސް މެންބަރުކަން ކުރުން ލާޒިމުނުވާ ދުވަސްވަރުން ފެށިގެން ކަމުގައިވީތީއެވެ. އަދި ކީއްތޯއެވެ. ޕާލަމަންޓްރީ ގުރޫޕުގެ ލީޑަރ، މައިނޯރިޓީ ލީޑަރ، މެޖޯރިޓީ ލީޑަރުކަން އަދާކުރެއްވިއެވެ. މަޖިލިސްގެ މުހިންމު ކޮމެޓީތަކުގައި އުޅުއްވިއެވެ. އޭގެތެރެއިން ބައެއް ކޮމެޓީގެ މުގައްރިރުވެސްމެއެވެ. ދެފަހަރެއްގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން (ރައްޔިތުންގެ މަޖިލިސްގެ މެންބަރުގެ ހައިސިއްޔަތުން) ފުރިހަމަ ކުރެއްވިއެވެ.
ވީމާ، މަޖިލީހުގައި ދެއްކެވި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި މެދުމިންކަމާއި ރިވެތިސުލޫކާއި މާތްއަޚުލާގު އެއީ މުޅި މަޖިލީހުގެ ތާރީޚުގެ ލާމަސީލު ނަމޫނާއެވެ.
ބަޔާންކުރެވުނު ކަންކަމާއި އަދި ސިޔާސީ ހަޔާތް ހަމައެކަނި މަޖިލީހުން ފަށްޓަވައި މަޖިލީހުގެ 25 އަހަރުގެ ތަޖުރިބާއާއެކު ދިވެހި ގައުމުގެ އެންމެ މަތީމަގާމު (ރައީސުލްޖުމްހޫރިއްޔާގެ މަގާމު) ލިބިވަޑައިގެންނެވުމުން، ކުރިން ނުވަތަ މިހާތަނަށާ (އަލްއުސްތާޛު އިބްރާހީމް ޝިހާބަށް ނިސްބަތް ކުރެވުނު) ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ އެންމެއުސްތަނބުގެ ރިކޯޑު މުގުރުނީ ނޫންތޯއެވެ.
އާދޭހެވެ! މިއަދު ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ އެންމެއުސްތަނބަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ތާރީޚުން ސާބިތުވާ ކަމެކެވެ. 1990 ގެ އަހަރުތަކުން ފެށިގެން މިވީ 31 އަހަރު ރާއްޖޭގެ ސިޔާސީ އިސްލާހީ ހުރިހާ ހަރަކާތްތަކެއްގައާއި، ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރެވުނު ކަންކަމުގައި އިސްކޮށްއުޅުއްވި ރިފޯމިސްޓެކެވެ.
އަދި ކީއްތޯއެވެ. ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުޙައްމަދު ޞާލިޙަކީ، މާލެ ފިޔަވައި އެހެންރަށަކަށް އުފަން ރަށުގެ އާއިލާގެ އެރަށުގެ އެޑްރެސްގެ ދިވެހިރާއްޖޭގެ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކަމަށްވާ ޝަޚްސިއްޔަތެވެ. ދެންފަހެ، މިއީ ރާއްޖޭގެ އަޣުލަބިއްޔަތު އާބާދީ ފަޚުރުވެރިވާނެ ކަމަކަށް ނުވާނެތޯއެވެ.