ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށް މިއަދު ހުޅުވާލައިފިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ، މަގާމުގެ ޝަރުތު ހަމަވާނެއެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 2 އަހަރުދުވަހުގެ ތަޖުރިބާއާއެކު ވެސް މަގާމުގެ ޝަރުތު ހަމަވާނެއެވެ.

އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުތު ހަމަވާނެއެވެ.

ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުތު ހަމަވާނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތާގުޅޭ ތަޖުރިބާގެ ގޮތުގައި، "އެޑްމިނިސްޓްރޭޝަން" އާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާނަމަ އެލިޔުން ގަބޫލުކުރެވޭނެ ކަމަށާއި، އެޑްމިނިސްޓްރޭޝަން މަސައްކަތުގެ ގޮތުގައި، ރިޕޯޓު ހެދުމާއި، ރެކޯޑު ބެލެހެއްޓުމާއި، ސިޓީ ލިޔުންފަދަ ކަންތައްތައް ހިމެނޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

އަދި، މެނޭޖްމަންޓާގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، ހިންގުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާނަމަ، އެ ލިޔުން ގަބޫލުކުރެވޭނެ ކަމަށާއި، ހިންގުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި، އިދާރާއެއް ނުވަތަ އިދާރާއެއްގެ ޑިޕާޓްމަންޓެއް، ޑިވިޜަނެއް، ސެކްޝަނެއް، ޔުނިޓެއް ނުވަތަ އެ ތަނެއްގެ އޮނިގަނޑުގައި ހިމެނޭ އެފަދަ ބައެއް ހިންގާ ބެލެހެއްޓުމާއި، އެ ބައެއްގެ މަސައްކަތާ ގުޅޭ ކަންކަމުގައި ޖަވާބުދާރީވުމުގެ ޒިންމާއާ ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ހަވާލުވެ ހުންނަ މުއްދަތުތައް ބަލާނެކަމުގައި ވެސް ކޮމިޝަނުން ބުނެއެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް -/20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާއާއެކު އެކުޖުމުލަ -/35500 ރުފިޔާ ލިބެއެވެ.

އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް -/12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/8870 ރުފިޔާއާއެކު އެކުޖުމުލަ -/21000 ރުފިޔާ ލިބެއެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް -/9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/6800 ރުފިޔާއާއެކު އެކުޖުމުލަ -/16100 ރުފިޔާ ލިބެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި، މަގާމަށް މީހަކު އައްޔަންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ޖޫން 20 އިން ފެށިގެން 28 ޖޫން 2021 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން މަގާގާމަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ކޮވިޑް-19 ގެ ދަތި ހާލަތާގުޅިގެން ފަސޭހަކަމާއެކު މިމަގާމަށް އެދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، އޮންލައިން ޕްލެޓްފޯމެއް ކޮމިޝަނުންވަނީ ގާއިމުކޮށްފައެވެ. އެގޮތުން މަގާމުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މަގާމަށް އެދެންޖެހޭނީ އޮންލައިންކޮށް ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ https://myaccount.csc.gov.mv/CouncilSg މި ލިންކު މެދުވެރިކޮށެވެ. މިނޫން ގޮތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އާންމުކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލް ފަރާތްތައް ހޮވުމަށް ކޮމިޝަނުން އާންމުކޮށްފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން، މަގާމަށް މީހަކު އައްޔަންކުރެވިގެންދާނީ، ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްގެ ލަފާގެމަތިން ކަމުގައިވެސް ކޮމިޝަނުން އާންމުކުރި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ކޮމިޝަނުގެ މޯބައިލް ނަންބަރު 7207307 އަށް ގުޅުމުން ނުވަތަ މެސެޖްކުރުމުން މައުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ކޮމިޝަނުގެ އީމެއިލް [email protected] އަށް އީމެއިލްކުރުމުންވެސް މައުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަންވެސް ކޮމިޝަނުން ބުނެފައި ވެއެވެ.