ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ އިސްލާހު އަނބުރާ ގެންގޮސްފިއެވެ.
ކައުންސިލް ހިންގުމުގަ އެންމެ އިސް އިދާރީ މުވައްޒަފަކަށް އެސްޖީ އައްޔަން ކުރުން ސިވިލް ސާވިސް ކަމިޝަނަށް ބަދަލު ކުރުމަށާއި ލޯކަލް ކައުންސިލް ގާނޫނަށް ބަދަލު ގެނައުމަށް މަޖްލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދުއެވެ.
މެމްބަރު ސައީދު ހުށައެޅުއްވި އިސްލާހުގެ ބިލު އަނބުރާ ގެންދެވިކަން އިއުލާންކުރެއްވީ މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މި އިސްލާހަށް ބަހުސްކުރި ގިނަ އެމްޑީޕީ މެމްބަރުން ވަނީ ދެކޮޅު ހައްދަވާ އެ ބިލަށް ތައީދުނުކުރައްވާކަން ހާމަކުރައްވާފައެވެ. އެގޮތުން މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް އެމްޑީޕީން އިސްވެ ގާނޫނުތައް އިސްލާހުކޮށްގެން ކައުންސިލްތަކަށް ދީފައިވާ ބާރުތަކާ ސައީދުގެ އިސްލާހުތައް ފުށުއަރާތީއެވެ.
އަދި އިދާރީ ގޮތުން ކައުންސިލުތައް ހިންގަން ހުންނަ އެންމެ އިސް ފަރާތް، ކައުންސިލުގެ ބަހެއް ނެތި އައްޔަނުކުރެވިއްޖެނަމަ، ކައުންސިލުތައް ހިންގުމަށް ހުރަސްއެޅުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މެމްބަރުން ވަނީ ފާހަގަކުރައްވައިފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ ސެކްރެޓަރީ ޖެނެރަލުން ކަމަށް ބަޔާކޮށްފައެވެ.
އަދި އެމަގާމަށް މީހަކު އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާރވިސް ކޮމިޝަނުން ކަމަށް މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައިވެއެވެ.
ނަމަވެސް މެމްބަރު ސައީދު ލާމަރުކަޒީ ގާނޫނަށް ހުށައެޅުއްވި އިސްލާހުގައި ވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރަންވާނީ ސިވިލް ސާރވިސް ކޮމިޝަނުންކަމަށެވެ. އެ އިސްލާހުގައި ކައުންސިލްގެ ލަފާ ހޯދަންޖެހުން ވަނީ އުނިކޮށްފައެވެ.