ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި، ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށް ޝަރީއަތް ކުރުން ރަނގަޅެއް ނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓުން ޝަރީއަތް ކުރިއަށްގެންދާތީ އެކަމާ ގިނަ ބައެއްގެ ނުރުހުން ރާއްޖޭގެ ކޯޓުތަކަށް އަމާޒުވެފައި ވަނިކޮށެވެ.

ޕީޖީ ކުރެއްވި ޓްވީޓުގައި ވަނީ "ރިހާކުރުފުޅި ވަގަށްނެގި މީހާ" ގެ މައްސަލައިގައި، އޭނާ ކޯޓަށް ހާޒިރުކޮށް ޝަރީއަތް ކޮށްފައި، އެހެން މީހަކު ވީމާ، ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި، ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށް ޝަރީއަތް ކުރުން ރަނގަޅެއް ނޫން ކަމަށެވެ.

އަދި އެއީ ގާނޫނު އަސާސީގެ 19 ގައި ބުނާ ހަމައެއް ނޫން ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ޕީޖީގެ ނުރުހުން ކްރިމިނަލް ކޯޓަށް އަމާޒުވެފައިވާއިރު ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތުގައި އޭނާ ބައިވެރިވެފައިވަނީ، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ކަމަށާއި، އެކަމުގައި ކްރިމިނަލް ކޯޓުން އަމަލުކުރަނީ ގާނޫނާއި ޚިލާފަށްކަމަށް ބުނެ، އެމައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ނިންމާފައެވެ.

ޕީޖީގެ އޮފީހުން ނެރުނު ބަޔާނެގައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ އަމަލެއް ހިންގުމަށް އެދުމުގެ ދެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާގުޅޭ "އަޑުއެހުމެއް" މިމަހުގެ 21ވަަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު ކަމަށެވެ.

އެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެފައިވަނީ ކޮންތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތު ކުރެވޭމީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީއަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިޢުތިރާޟުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީޢަތާ ސުވާލު ކުރިމަތި ކުރުވާފައިވާ ކަމަށް ޕީޖީން ބުންޏެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައިހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށް ޕީޖީން ބުނީ، މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫންކަމަށެވެ.

އެހެންކަމުން އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން އިއުތިރާޟުކުރި ކަމަށްވެސް ޕީޖީން ބުންޏެވެ.

ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސަޢީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށް. ޝަރީޢަތުން ނިންމަވާ ނިންމެވުންތައް މައްސަލާގައި ހިމެނޭ ދެ ފަރާތާ ލިޔުމުން ޙިއްޞާކުރަންޖެހޭކަމަށާއި، އެހެންކަމުން މިކަމުގައި ޝަރީޢަތުން ގޮތެއް ނިންމަވާފައިވާކަމަށް ވިދާޅުވާތީ، އެ ނިންމެވުން ލިޔުމުން ދައުލަތާ ޙިއްޞާކޮށްދިނުމަށް ދެންނެވި. ނަމަވެސް އެ ނިންމެވުން ކޯޓުން ޕޖީ އޮފީހާ ހިއްސާކޮށްފައެއް ނުވާކަމަށާއި، އެ ނިންމެވުން ނިންމަވާފައިވަނީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެންކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި."
ޕީޖީ އޮފީސް

ނަމަވެސް، ގާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސްގާޒީ އަހްމަދު ޝަކީލަށް ކުރެއްވޭނެ ކަމެއްކަމަށް ނުފެންނާތީ، އެވިދާޅުވާ ލަފާފުޅުވެސް ލިޔުމުން ހިއްސާ ކޮށްދެއްވުމަށް އެދުނުކަމަށްވެސް ޕީޖީން ބުނެއެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުތަކާ ގުޅިގެން ގާޒީ ހަސަން ސައީދު ނިންމެވި ބައެއް ނިންމެވުންތައް ލިޔުމުން ޕީޖީ އޮފީހާ ހިއްސާ ކޮށްދިނުމަށް އެދުނު ނަމަވެސް ގާޒީ ހަސަން ސައީދު އެލިޔުންތައް ޕީޖީއާއި ހިއްސާކޮށްފައި ނުވާކަމަށް ޕީޖީން ބުންޏެވެ.

އަދި ކްރިމިނަލް ކޯޓުން ނިންމި މިނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގަސްދުކުރާ ކަމަށްވެސް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.