ދުނިޔޭގައި އެކިއެކި ޕްރޮޑަކްޓްސް އުފެއްދުމުގައި މީހުންގެ މަގުބޫލުކަން ހޯދާފައިވާ އައިކިއާ ކުންފުނިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމުން ނަންދީފައި ފެންފުޅިތަކެއް އުފައްދަން ފަށައިފިއެވެ.

ރީޔޫސަބަލް މި ފެންފުޅިތަކަށް އެ ކުންފުނިން ނަންދީފައިވަނީ ކްރިސްޓިއާނޯ ރީޔޫސަބަލް ބޮޓެލްގެ ނަމުންނެވެ. އަދި އައިކިއާގެ ވެބްސައިޓުގައިވެސް އަދި އެހެން އޮންލައިން ވިޔަފާރި ޕްލެޓްފޯމް ތަކުގައިވެސް މި ފެންފުޅި ވިއްކާ އަގެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 1.99 އެމެރިކާ ޑޮލަރަށެވެ.

އައިކިއާ އިން އިންސްޓާގްރާމުގައި ކޮށްފައިވާ ޕޯސްޓެއް- ފޮޓޯ:- އިންސްޓާގްރާމް

ފަސް ފަހަރަށް ބެލަންޑޯ އެވޯޑުވެސް ހޯދާފައިވާ ރޮނާލްޑޯ އަށް އިހުތިރާމް އަދާކުރުމުގެ ނަމުގައި އައިކިއާގެ މާކެޓިންގ ޓީމުން މިފުޅި މާކެޓަށް ނެރުނުއިރު ގިނަ އަދަދެއްގެ ފުޅިތަކެއް މިހާރު ވިކެމުންދާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އައިކިއާ އިން ރޮނާލްޑޯގެ ނަމުގައި ފެންފުޅި މޮޑެލް ތަކެއް ލޯންޗް ކޮށްފައިވަނި މިހާރު ކުޅެމުންދާ ޔޫރޯ 2020 މުބާރާތުގެ ތެރެއިން ޕްރެސް ކޮންފަރެންސެއްގައި ރޮނާލްޑޯ އޭނާގެ ކުރިމަތީގައި ހުރި ކޮކާ ކޯލާ ދެ ފުޅި ދުރަށް ޖައްސާ ފެންފުޅިއެއް ދިއްކޮށް ފެން ބުއިމަށް ބާރު އެޅުމުންނެވެ.

ރޮނާލްޑޯގެ ހަތަރު ސިކުންތުގެ މި އަމަލުގެ ސަބަބުން މުބާރާތުގެ ސްޕޮންސަރެއް ކަމުގައިވާ ކޮކާ ކޯލާ ކުންފުންޏަށް ވަނީ 4 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. ރޮނާލްޑޯގެ އިތުރުން ބައެއް އެހެން ކުޅުންތެރިންވެސް ހަމަ މިގޮތަށް ކަން ކޮށްފައިވާއިރު މުބާރާތް ހިންގާ ޔޫއެފާ އިން ވަނީ ސްޕޮންސަރުންގެ ޕްރޮޑަކްޓުތަކާއި މެދު މިފަދައިން އަމަލު ނުކުރުމަށް އިންޒާރުދީފައެވެ.

ޔޫއެފާއިން ވަނީ މުސްތަގްބަލުގައި މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކުޅުންތެރިންގެ ބަދަލުގައި އެ ކުޅުންތެރިއެއް ނިސްބަތްވާ ޓީމަކަށް ފިޔަވަޅު އަޅާގޮތަށް އުސޫލުތަކެއް ބަދަލުކުރަން މަސައްކަތް ފަށާފައެވެ. އަދި މިހާތަނަށް މި މައްސަލަ ފާހަގަވި ކުޅުންތެރިންގެ ޓީމުތަކާއި މިހާތަނަށް ޔޫއެފާއިން ވަނީ މަޝްވަރާކޮށް މިކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ކުރެވޭތޯ މަސައްކަތް ކޮށްފައެވެ.

ރޮނާލްޑޯ މިފަދައިން ކަންކުރީ ކޮކާ ކޯލާއަށް ގެއްލުމެއް ދިނުމުގެ ބޭނުމެއްގައެއް ނޫނެވެ. އޭނާއަކީ އަބަދުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި އަމިއްލަ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއްދޭ ކުޅުންތެރިއެކެވެ. މިއީ ކޯކަކީ ގިނަ އަދަދަކަށް އޭގައި ހަކުރު ހިމެނޭ ބުއިމަކަށްވުމުން އެހެން ފަރާތްތަކަށް ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބާރު އެޅުމުގެ ގޮތުން އޭނާ ކުރިކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކަކުން ބުނެއެވެ.