ރަހީނުކޮށް މަރާލި ކުޑަކުއްޖާގެ މައްސަލަ އަވަހަށް ތަހުހުގީގުކޮށް ނިންމުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންއެވެ. މެމްބަރު ހުށަހެޅުއްވި މި މައްސަލަ ބަލައިގަންނަން 44 މެމްބަރަކު ވޯޓު ދެއްވިއިރު ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއްނުވެއެވެ.

މެމްބަރު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައިވަނީ އެ ކުއްޖާއަކީ މަަންމަގެ އެހީތެރިކަމާއެކު ދައުލަތުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކުއްޖެއްކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރާކަމަށާއި އަދި ދައުލަތުގެ ރައްކާތެރިކަމުގައި ހުރި ކުއްޖަކު އެގޮތަށް މަރާލެވުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ އިހުމާލެއްވޭތޯ ބެލުމަށް އެދި އެ ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ކަމާގުޅޭ އިދާރާތަކަށް މެމްބަރު ވަނީ ގޮވާލައްވާފައެވެ.

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިވަގުތު ފުލުހުން ތަހުގީގުކުރަމުން އަންނައިރު އެ ކުއްޖާ ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެރޭ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއިރު، 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.