މިއަދުން ފެށިގެން 30 ޖޫން ގެ ނިޔަލަށް، މުދާވިއްކާ ތަންތަނާއި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތްދޭ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލުގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލުގެނައުމާއި ގުޅިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސައި ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިފުމަތްދޭ ތަންތަނުން ޙިދުމަތް ދެވޭނީ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ކަމަށާއި، މިވަގުތު ތަކުގައި ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް އެކަނި ކަމަށެވެ. އަދި ހެނދުނު 6:00 ފެށިގެން މެންދަމު 12:00 އަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައާއިއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން، މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 6:00 އާއިދެމެދު ކަމަށާއި، ހެނދުނު 6:00 އިން ފެށިގެން މެންދަމު 12:00 އަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައާއިއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެކަމަށްވެސް މިި އިޢުލާނުގައި ބުނެފައިވެއެވެ.

އަދި ކެއިންބުއިމުގެ ޚިދުމަތްދޭ ހުރިހާ ތަންތަނުންނާއި، މުދާވިއްކާތަންތަން ހުޅުވައިގެން ޚިދުމަތްދޭއިރު ޢަމަލުކުރަންވާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.