މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓާ ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާދެއްވަމުން މެމްބަރު ވަނީ ކޮވިޑް-19 އާ ގުޅިގެން މާލެގެ ބައެއް މިސްކިތްތައް ބަންދުކޮށްފައިވަނިކޮށް ބައެއް ފަރާތްތަކުން މިސްކިތުގެ ގަދަރާއި ހުރުމަތް ކެނޑޭގޮތަށް، ވިޔާނުދާ އަދި ދީނާ ޚިލާފު އަމަލުތައް ހިންގަމުންދާތީ އެފަދަ ކަންކަން ކުށްވެރިކުރައްވާފައެވެ.

އަދި މިފަދަ އަމަލުތަކަކީ އިސްލާމީ ރިވެތި އުސޫލުތައް ނެތިކޮށްލާނެ ކަންތައްތަކެއްކަން ފާހަގަކުރައްވާ މެމްބަރު ވަނީ މިސްކިތްތަކަކީ ބިންމަތީގައި ހުރުމަތްތެރިވެގެންވާ ތަނަކަށްވެ، މާތްﷲގެ ގަދަރު އުފުލިގެންވާ ތަނަކަށްވާތީ މިސްކިތްތަށް ބެލެހެއްޓުމުގައި މިހާރަށްވުރެ ހަރުދަނާގޮތެއް ފަހިކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަންނަން 31 މެމްބަރުން ވޯޓުދެއްވިިރު 2 މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ 2 މެމްބަރަކު ތިއްބެވިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާއެކު މައްސަަލައަށް ވާހަކަ ދައްވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި އިސްލާމީވަންތަކަން ދައްކުވައިދޭ ތަނަކީ މިސްކިތްތައް ކަމަށްވުމުން މިސްކިތަކީ ހުރުމަތްތެރިކަން ދަމަހައްޓަންޖެހޭ ތަނެއްކަމާމެދު އެއްވެސް ރައްޔިތަކު ދެބަސްނުވާނެ ކަމަށެވެ.

ކޮވިޑުގެ މި ނުރައްކާތެރި ހާލަތާ ގުޅިގެން ރާއްޖޭގެ ބައެއް ހިސާބުތަކުގަ އަދި ވަކިން ޚާއްސަގޮތެއްގަ މާލޭގެ ބައެއް މިސްކިތްތައް ބަންދުކުރުމާއި ގުޅިގެން އަޅުގަނޑުމެންނަށް އާންމުވެގެންދިޔަ ވާހަކައަކީ މިސްކިތްތަކުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާ، އެ ބޭނުންކުރުމާއި މިބާވަތުގެ ވަރަށް ނާތަހުޒީބު އަދި އިސްލާމްދީނުގަ ހުކުމް ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންތައްތަކެއް އެތަންތަނުގައި ހިނގަމުންދާ ކަމުގެ ވާހަކަތައް. އަޅުގަނޑުމެންނަށް ވީޑިއޯތަކުން ފެންނަން އެބަހުރި ޚަތިމުގެ ތެރެއަށް މަސްތުވާތަކެތި ލައިގެން އެ ތަކެތި ވިއްކަމުންދާ މަންޒަރު."
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

މާލޭގެ 7 މިސްކިތެއްގައި މަސްތުވާތަކެތީގެ މުއާމަލާތްތައް ކުރާ ކަމުގެ ޚަބަރުތައް ފެތުރިފައިވާކަން ފާހަގަކުރައްވާ މެމްބަރު ވަނީ މިފަދަ އަމަލުތައް ހުއްޓުވާ މިސްކިތްތަކަކީ ހިމާޔަތްކުރެވިފައިވާ އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގެންފައެވެ.