އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކުމުގެ އެޖެންޓުކަން 22 ފަރާތަކަށް ދީފިއެވެ.

އެސްޓީއޯއިން އެޖެންޓުން ހޯދުމަށް މާރޗްމަހު ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވި ފަރާތްތަކާ އެޖެންޓްކަން ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް މީގެ ސަބަބުން ލިބުން މަގުފަހި ވެގެންދާނެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވޭނެ. އެޖެންޓުން އައްޔަނުކުރާ މިމޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ"
އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްދު އީމާން

މާޗުމަހު ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި ހުރިހާ ފަރާތްތައް އެޖެންޓުންގެ ގޮތުގައި މިހާރު އައްޔަނު ކުރެވިފައިވާކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

އެސްޓީއޯއިން މާޗްމަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައިވީނ ަމަވެސް، އެ ކުންފުނިންވަނީ އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކަށް ބަދަލުގެނަސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަން ނިންމާފައެވެ.

އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަންދޭއިރު ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެއެވެ.

އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށް ވާއިރު އެއީ ކާމިޔާބު މޮޑެލްއެއްކަން އެޖެންޓުން ފާހަގަކުރެއެވެ.