އަފްޣާނިސްތާނުގެ ވެރިކަން އަނެއްކާވެސް ތާލިބާނުންގެ އަތްމައްޗަށް ފުރޮޅެން އުޅޭކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޚަބަރު ލިބޭގޮތުގައި، އަފްޣާނިސްތާނުގެ 370 ޑިސްޓްރިކްޓްގެ ތެރެއިން 50 ޑިސްޓްރިކްޓް ތާލިބާން ޖަމާއަތުން މިހާރުވަނީ ހިފާފައެވެ.

މިއީ، މިދިޔަ މެއިމަހުގެ ފަހުން ހިފި ޑިސްޓްރިކްޓްތައް ކަމަށް އދއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚައްސަ މަންދޫބު ޑެބޯރާ ލިއޯންސްވަނީ އދގެ ސަލާމަތީ މަޖިލީހުގައި އަންގާރަ ދުވަހު ވިދާޅުވެފައެވެ.

ތާލިބާން ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ރަށްތައް ހިފަން މިފެށީ، އަފްޣާނިސްތާނުގައި އެމެރިކާއިން ފެށި ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުމަށް ނިންމާފައިވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އޭޕްރީލްމަހު ރަސްމީގޮތުން އިއުލާންކުރެއްވި ފަހުންނެވެ.

ބައިޑެން ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ބާލައި ނިންމަވާނޭ ކަމަށެވެ.

ސެޕްޓެމްބަރު 11 ވަނަ ދުވަހަކީ، އެމެރިކާއިން އަފްޣާނިސްތާނު ހަނގުރާމަ ފެށިތާ ބަރާބަރު 20 އަހަރު ފުރޭ ދުވަހެވެ.

ތާލިބާނުންގެ ހަރަކާތްތައް ވަރުގަދަވެ، ކުންދޫޒް ޕްރޮވިންސްގެ ގިނަ ޑިސްޓްރިކްޓްތައް ހިމެނޭގޮތުން އަފްޣާނިސްތާނު-ތަޖިސްކިސްތާނު ވަކިކުރާ އިމުގެ އެތައް އަވަށެއް އެމީހުންގެ ބާރުގެ ދަށަށް މިހާރުވަނީ ގެންގޮސްފައެވެ.

ސިފައިންގެ ބައެއް މަރުކަޒުތައް ހިފައި، އަދި ހަތިޔާރުތައްވެސް އަތުލާފައިވާ ކަމަށް ތާލިބާނުންވަނީ ބުނެފައެވެ. ފަރީދު ޕްރޮވިންސްގެ ސިފައިން އަމާން ދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ތާލިބާނުން ގެންދަނީ އެމީހުން ހޯދަމުންދާ ކުރިއެރުންތައް ފެންނަ ތަފާތު ޕްރޮޕަގެންޑާ ވީޑިއޯތައްވެސް އާންމުކުރަމުންނެވެ.

މީގެއިތުރުން، އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާއެކު، ހައެއްކަމަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި މިހާރުއޮތް ވެރިކަމުގެ ނިޒާމު ރޫޅިގެން ހިގައިދާނެކަމުގެ އިންޒާރު އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ދީފައިވެސް ވެއެވެ. އަދި ބައިޑެންއާވެސް މި މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ރަށްތައް ހިފަމުންދާ މައްސަލައާ ގުޅޭގޮތުން، އެމެރިކާގެ ޚާރިޖިއްޔާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޚާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވަނީ، ތާލިބާނުންނަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ.

ޓެޑް ޕްރައިސް ވިދާޅުވީ، ތާލިބާނުން ގަދަބާރުން އަފްޣާނިސްތާނުގައި ގާއިމްކުރާ ސަރުކާރެއް ދުނިޔެ ބަލައިނުގަންނާނެކަން ތާލިބާނުން ދަންނަންޖެހޭނޭ ކަމަށެވެ.

ޓެޑް ވިދާޅުވީ، އަފްޣާނިސްތާނުގައި ގާއިމްކުރެވޭ އެއްވެސް ސަރުކާރެއް ސައްހަ އަދި އިތުބާރުކުރެވޭ ސަރުކާރަކަށްވާނީ، އެއީ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ އަދި ރައްޔިތުން ބަލައިގަންނަ ސަރުކާރެއްނަމަ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމެރިކާގެ މާލީ އެހީތެރިކަން ލިބޭނީ އަފްޣާނިސްތާނުގައި އޮންނަ ސަރުކާރަކީ އެންމެން ބަލައިގަންނަ ސަރުކަރަކަށް ވެގެން ކަމަށެވެ.

"އަފްޣާނިސްތާނުގައި ގަދަބާރުން ގާއިމްކުރާ އެއްވެސް ސަރުކާރެއް ދުނިޔެ ބަލައިނުގަންނާނެ"
ޓެޑް ޕްރައިސް

އެމެރިކާއަކީ އަފްޣާނިސްތާނަށް އެންމެ ގިނައިން މާލީ އެހީތެރިކަންދޭ ގައުމެވެ. މިދިޔަ އަހަރުވެސް އެމެރިކާއިން އަފްޣާނިސްތާނަށް 35.5 ބިލިއަން ޑޮލަރު ޚަރަދުކޮށްފައި ވެއެވެ.