ކޮވިޑްބަލީގައި ރާއްޖެއިން މިއަދު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެފަހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދިޔަ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 7:36 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ، ކޮވިޑްބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 208 ވަނަ މީހާއެވެ.

ކޮވިޑްބަލީގެ މަރެއް ރާއްޖޭގައި މި ރިޕޯޓްކުރީ ދެދުވަސް ފަހުންނެވެ.

މިދިޔަ މެއިމަހުގެ ތެރޭގައި ކޮވިޑްބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަރަށް މަތިވެގެން ދިޔައެވެ.

އެއް ދުވަހަކަށް ބަލާއިރު ކޮވިޑްބަލީގައި ރާއްޖެއިން އެންމެ ގިނަމީހުން މަރުވީ މެއިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު 13 މީހުން މަރުވިއެވެ.

އެޗްޕީއޭއިން މިރޭ ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިހާރުވެސް 38 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.