ރާއްޖޭގެ ސަގާފަތުގެ ތެރެއިން އާދަޔާ ޚިލާފުކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ އެއްކަމަކީ އަންހެން ކުދިން ހިތާނުކުރުމުގެ ވާހަކައެވެ. އަންހެންކުދިން ޚިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓޭޝަން (އެފްޖީއެމް) އަކީ އެންމެ ބޮޑަށް އެފްރިކާ ސަރަހައްދުގެ ފަގީރު ޤައުމުތަކުގެ ސަގާފަތުގައި އަށަގަނެ ހިނގަމުން އަންނަކަމެކެވެ. އަދި އޭޝިއާގެ ބައެއް ޤައުމުތަކުގައި ކޮންމެސް ވަރަކަށް ހިނގަމުން އައިސް ރާއްޖެއާ ހަމައަށް ވެސް ސަގާފަތުގެ ތެރެއިން މިކަންވަނީ އައިސްފައެވެ.

މި ސަގާފަތް އަލުން ރާއްޖެގައި އާލާވަމުން އަންނަކަން ހާމަވުމާއިއެކު، ގިނަ ދީނީ ޢިލްމުވެރިންނާއި ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވާފައިވާ ބޭފުޅުންވަނީ މީސްމީޑިއާ މެދުވެރިކޮށް މިކަމާއިގުޅޭގޮތުން ޚިޔާލުފާޅުކުރަންފަށާފައެވެ.

އަންހެން ކުދިން ޚިތާނުކުރަން ހިތްވަރުދީ ވާހަކަ ދެކެވެން ފަށާފައި މިވަނީ، އެފްޖީއެމްގެ މައްސަލަތައް މިފަހަކަށް އައިސް އިތުރުވެ، އެފަދަ މައްސަލަތައް އެޗްއާރްސީއެމްއަށް ހުށަހެޅި، އެކަމާއި ގުޅިގެން އެކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން، އަންހެން ކުދިން ހިތާނުކުރުމަށް ތާއީދުކޮށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެފައިވަނީ، އަންހެނުން ޚިތާނުކުރުމަކީ ދީނުގައި ނެތް ކަމެއްކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ކަމަށާއި އެހެން ނަމަވެސް އެއީ ވާޖިބުކަމެއް ނޫން ކަމަށެވެ.

އަދި އެކަމަކީ ސިއްޚީ ފައިދާތަކެއް ލިބޭކަމެއްކަން ދޭހަވާގޮތަށް ވެސް ޑރ. އިޔާޒް ވަނީ ޓްވީޓްތަކެއް ކުރައްވާފައެވެ.

އަންހެން ކުދިން ޚިތާނު ކުރުމަކީ ދީނުގައި ނެތް ކަމެއް ކަމުގައި ބުނުމަކީ ދޮގެއް. އެއީ ދީނުގައި އޮތްކަމެއް. ނަމަވެސް ވާޖިބެއް ނޫން. އަންހެން ކުދިން ޚިތާނު ކުރުމާއި އެފްޖީއެމްއަކީ ތަފާތު ކަމެއް."
ޑރ. އިޔާޒު އަބްދުއްލަޠީފް

ޑރ. އިޔާޒުގެ މި ވާހަކަތަކާއެކު މި މަޢުޟޫއަކީ ބަހުސެއް އޮތްކަމެއް ނޫންކަމަށް ރާއްޖޭގެ ގިނަ ދީނީ، ތަޢުލީމީ، ސިއްހީ، ސިޔާސީ އަދި އިޖުތިމާއީ ދާއިރާގެ ބޭފުޅުންވަނީ ވިދާޅުވެފައެވެ.

އަންހެން ކުދިން ޚިތާނުކުރުމާއި ގުޅޭގޮތުން ޑރ. އިޔާޒް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ، އަންހެން ކުދިން ޚިތާނު ކުރުމަކީ ދީނުގައި އޮތްކަމެއް ނޫންކަމަށެވެ. އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޚަ ޝަރުޢީ ދަލީލަކުން އެކަން ސާބިތުވާން އޮތުމުން ކަމަށާއި، އަންހެން ކުދިން ޚިތާނުކުރުން ހުއްދަކުރާ އެފަދަ ދަލީލެއް ކީރިތި ޤުރްއާނުގައިވެސް ޞައްޚަ ޙަދީޘެއްގައިވެސް ނެތްކަމަށް މަޝްހޫރު ޢިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވާ ކަމަށްވެސް އެމަނިކުފާނު ކުރެއްވި ޓްވީޓްގައިވެއެވެ.

އަދި، މިއީ އެމަނިކުފާނުގެ އަމިއްލަ ރަޢުޔެއްނޫން ކަމަށާއި މިސްރުގެ ފަތުވާ އިދާރާއިން ދާދިފަހުން ނެރުނު ބަޔާނެއްގައިވެސް އަންހެނުން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއްކަމުގައި ބުނެފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ޚިތާނުކުރުމުގެ ނަމުގައި އަންހެންކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުންދިނުމަކީ ލާއިންސާނީ ނާތަހުޒީބު ޢަމަލެއް ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެއިތުރުން، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ހަމައެފަދައިން ވިދާޅުވެފައެވެ. ޑރ. ޝަހީމް ވިދާޅުވީ، އަންހެން ކުދިން ޚިތާނުކުރުމަކީ ދީނުގައި ބާރުއަޅާ ކަމެއް ނޫންކަމަށާއި، އެކަމާއި ގުޅިގެން އައިސްފައިވާ ޙަދީޡްތަކަކީ ބަލިކަށި އަދި އޭގެ ސައްޚަކަން ޔަޤީންނުވާ ޙަދީޘްތަކެއްކަމަށެވެ. އަދި ކުރީގެ ދީނީ ފޮތްތަކުގައި މިކަމާއި ގުޅިގެން ހުރި ޙުކުމްތަކަކީ އޭރުގެ ސަގާފަތުގެ މައްޗަށް ލިޔެވިފައި ހުރި ކަމެއް ކަމަށާއި، އެއީ މިހަރު ބާތިލް ކަންކަން ކަމަށް ފަހުގެ ޢިލްމީ ހޯދުންތަކުން ކަނޑައެޅިފައިވާކަމަށްވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އަންހެނުން ޚިތާނުކުރުމަކީ ސިއްޚީގޮތުން އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫންކަމަށް ޑޮކްޓަރު ހުސެއިން އަހްޒަމް މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި އެފްއެމްޖީ އިން އެއްވެސް ސިއްހީ ފައިދާއެއް ނެތްކަމަށާއި، މިކަމަކީ އޭގެ ސަބަބުން އަންހެން ކުދިންނަށް އެތައް ގޮތަކުން އަނިޔާ ލިބޭކަމެއް ކަން ފާހަގަ ކުރައްވާފައިވެއެވެ.

މިކަމާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވީ، އަންހެނުން ހިތާނު ކުރުމަކީ މިހާރުވެސް ރާއްޖޭގެ ޤާނޫނުތައް އޮތް ގޮތުން އަދަބު ދެވޭނެ ކަމެއް ކަމަށެވެ. އަދި މީހެއްގެ ހަށިގަނޑަށް ރުހުމަކާއިނުލާ އެމީހަކު ބޭނުން ނޫން ގޮތެއް ހެދުމަކީ އޭގެ ޒާތުގައި މިހާރުވެސް ޤާނޫނުލްއުގޫބާތު އޮތް ގޮތުން ކުށެއްކަމަށާއި، އެހެންވުމާއެކު، އަންހުނުން ޚިތާނުކުރުން ކުށެއްގެ ގޮތުގައި ވަކި ޤާނޫނެއްގައި ލިޔަން ނުޖެހޭ ކަމަށް އާޒިމާގެ ވާހަކަފުޅަށް ތާއީދު ކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވެއެވެ.

އަންހެންކުދިން ޚިތާނު ކުރުމަށް ހިތްވަރުދޭ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ޑރ. އިޔާޒްގެ މައްސަލަ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި އަންހެންކުދިން ޚިތާނުކުރަމުން ދަނިކޮން 1970ގެ އަހަރު ތަކުގެ ތެރޭގައި އެކަންވަނީ ނައްތާލެވިފައެވެ. މިކަމަށް ހިތްވަރުދީ އަނެއްކާވެސް ވާހަކަ ދެކެވެން ފަށާފައިވާއިރު އަންހެނުން ހިތާނުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިދިޔަ ނޮވެމްބަރު މަހު ވަނީ ވިދާޅުވެފައެވެ.