ސްޕެއިންގެ އުންމީދީ ޒުވާން މިޑްފީލްޑަރު ޕެޑްރީ ޔޫރޯގެ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ޔޫރޯ 2020 ގައި ހޯމަ ދުވަހުގެރޭ ރައުންޑް އޮފް 16 ގައި ސްޕެއިން އިން ކްރޮއޭޝިއާ ބަލިކޮށް ކުއާޓަރ ފައިނަލުން ޖާގަހޯދިއިރު މި މެޗުގެ ފުރަތަމަ 11 ގައި ޕެޑްރީ ހިމެނުނެވެ. މިއާއެކު އޭނާ ވެގެންގޮސްފައިވަނީ ޔޫރޯގައި ޓީމެއްގެ ފުރަތަމަ 11 ގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

އުމުރުން އެންމެ 18 އަހަރާއި 215 ދުވަހުގެ ޕެޑްރީ މި ރެކޯޑް ގާއިމްކުރިއިރު ކުރިން މި ރެކޯޑް އޮތީ އިނގިރޭސިވިލާތުގެ އަދި ފުޓުބޯޅައިގެވެސް ލެޖެންޑް ވޭން ރޫނީ އަތުގައެވެ. ރޫނީ މި ރެކޯޑް ހަދާފައިވަނީ ޔޫރޯގައި އުމުރުން 18 އަހަރާއި 244 ދުވަހުން އިނގިރޭސިވިލާތުން ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗެއްގައި ފުރަތަމަ 11 ގައި ހިމެނިގެންނެވެ.

ފޮޓޯ:- ގެޓީ / ގޯލް

މި ދެ ކުޅުންތެރިންގެ ދެމެދުގައި މި ރެކޯޑް ހެދިއިރު ވަނީ އެންމެ 29 ދުވަހުގެ ފަރަގެކެވެ.

2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އިނގިރޭސި ޓީމަށް ކުޅެ ރޫނީ ވަނީ އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑްވެސް ހަދާފައެވެ. އަދި ހަމަ އެއަހަރުގެ ފަހުކޮޅު އޭނާވަނީ އިނގިރޭސި ޓީމަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑްވެސް ހަދާފައެވެ. އަދި ޖެހިގެން އައި 2004 ވަނަ އަހަރުގެ ޔޫރޯގައި ރޫނީ ވަނީ މުބާރާތުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑުވެސް ހަދާފައެވެ. އެހެންނަމަވެސް ފަހުން ސްވިޓްޒަލެންޑުގެ ޔޮހާން ވޮލަންތެން ވަނީ ރޫނީގެ ރެކޯޑް މުގުރާލާފައެވެ.

އިނގިރޭސި ޓީމަށް ރޫނީ ކުޅުން ހުއްޓާލިއިރު އޭނާ އަކީ ތާރީހުގައިވެސް އިނގިރޭސި ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ އިތުރުން ދެވަނައަށް އެޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެެރިޔާގެ ޝަރަފުވެސް ހޯދާފައިވާ ކުޅުންތެރިޔާ އެވެ.

ރޫނީގެ ތާރީހީ ރެކޯޑް ޕެޑްރީ މުގުރާލިއިރު އޭނާ ސްޕެއިންގެ ސްކޮޑަށް ނަގާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އަދި އިންޓަނޭޝަނަލް ޑެބިއު މެޗުގައި ޕެޑްރީ ކުޅެފައިވަނީ ސްޕެއިން އިން ގްރީސް އާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ. ރޫނީގެ ރެކޯޑް ޕެޑްރީ މުގުރާލިއިރު މިފަހަރުގެ މުބާރާތުގައި ސްޕެއިން އިން ސްވިޑެން އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅެ އޭނާ ވަނީ ޔޫރޯގައި ސްޕެއިން ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.