ކިޔެވުމާއި މުނިފޫހި ފިލުވުމުގައި ދަރިވަރުން އިންޓަރނެޓް ބޭނުންކުރާއިރު ރައްކާތެރި ގޮތުގައި ބޭނުން ކުރަން ދަސްކޮށްދީ ހޭލުންތެރި ކުރުމުގެ ގޮތުން "ސައިބަރ ސޭފްޓީ" ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކެމްޕޭނެއް ލޯންޗު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އޭޑިޔުކޭޝަން، ޔުނިސެފް މޯލްޑިވްސް އަދި ވިމެން އިން ޓެކް މޯލްޑިވްސް އިން ގުޅިގެން ހިންގާ މި ކެމްޕޭންގެ މަގްސަދަކީ، ދަރިވަރުންނާއި، އޮންލައިންކޮށް ކިޔެވުމަށާއި ކިޔަވައިދިނުމަށް ޖެހިފައިވާ މިދުވަސްވަރު، ބެލެނިވެރިންނާއި ޓީޗަރުން، އިންޓަރނެޓް ބޭނުންކުރުމުގައި ދިމާވެދާނެ ކަންތައްތަކާމެދު އަހުލުވެރި ކުރުވުމާއި، ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމުގެ މަޢުލޫމާތު ދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިކެމްޕޭނުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި، އެނިމޭޓެޑް ވީޑިއޯ، ޕޯސްޓަރު އަދި ޗެޓްބޮޓް މެދުވެރިކޮށް، ރައްކާތެރިކަމާއެކު، އިންޓަރނެޓް ބޭނުންކުރުމާއި، އޮންލައިކޮށް ހިއްސާކުރާ އަމިއްލަ އަދި ސިއްރު މަޢުލޫމާތަކީ ކޮބައިކަމާއި މިފަދަ މަޢުލޫމާތު އޮންލައިންކޮށް ހިއްސާކުރުމުގައި ރައްކާތެރިވާންވީ ގޮތުގެ މައުލޫމާތު ދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އޮންލައިންކޮށް ކިޔަވާދިނުމުގައި ޓީޗަރުން ސަމާލުކަން ދޭންޖެހޭ މުހިއްމު ސެކިޔުރިޓީއާއި ގުޅޭ މަޢުލޫމާތާއި، ދަރިވަރުން އޮންލައިންކޮށް ކިޔަވާއިރު ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ މުހިއްމު ޕޮއިންޓްތަކާއި، ބޭނުންކުރާ ކޮމްޕިޔުޓަރާއި މޯބައިލް ޑިވައިސްތަކާއި އޮންލައިން އެކައުންޓްތައް ރައްކާތެރި ކުރުމާބެހޭ މަޢުލޫމާތާއި، އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރާ ޕާސްވޯޑުގެ ރައްކާތެރިކަމާބެހޭ މަޢުލޫމާތު ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ބެލެނިވެރިންނަށް އަމާޒު ކޮށްގެން، ބޭނުންކުރާ ކޮމްޕިޔުޓަރާއި މޯބައިލް ޑިވައިސްތަކާއި އޮންލައިން އެކައުންޓްތައް ރައްކާތެރި ކުރުމާބެހޭ މަޢުލޫމާތާއި، އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރާ ޕާސްވޯޑުގެ ރައްކާތެރިކަމާބެހޭ މަޢުލޫމާތު ހިއްސާ ކުރެވޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިތުރަށް މަޢުލޫމާތު ދޭ ގޮތުގައި، މި ކެމްޕެއިންގައި އޮންލައިންކޮށް އުޅުމުގައި ދިމާވާ ގަނާކުރުމާއި ގްރޫމިންގ ފަދަ ބޮޑެތި މަޢުޟޫތަކަށް ވީޑިއޯ އަދި ޕޯސްޓަރު ރިލީޒްކުރުމަށް ވަނީ ރޭވިފައެވެ.

މިކަމާއި ގުޅިގެން ޗެކްބޮޓެއް ތައާރަފް ކޮށްފައިވާއިރު، މިއީ އެކިއެކި މަޢުޟޫތަކަށް މަޢުލޫމާތު ދޭގޮތަށް ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރއެއް ކަމަށާއި، ސައިބަރ ސްމާޓް ޗެޓްބޮޓުގައި މަޢުލޫމާތު ދޭނީ ސައިބަރ ސެކިޔުރިޓީއާ ގުޅޭ މަޢުޟޫތަކަށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި، ރިލީޒް ކުރެވޭއިރު މިސޮފްޓްވެއަރގައި، ކެމްޕޭނުގައި އަލިއަޅުވާލާ މަޢުޟޫތަކުން ބައެއް ކުއިޒްތަކާއި މަޢުލޫމާތު އާޓިކަލް ހިމެނޭނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މީގައި ހިމެނޭ މަޢުލޫމާތުތައް އަޕްޑޭޓް ކުރެވެމުން ދާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން، މިކެޕްމޭނުގައި ތައްޔާރުކުރެވޭ ހުރިހާ ކޮންޓެންޓެއް އެއްތަނަކުން ފެންނާނޭހެން ޖަމާކޮށް ސައިބަރ ސްމާޓްގެ ނަމުގައި ވެބްސައިޓެއްވެސް ތައްޔާރުކޮށް އާންމުންނަށް ހުޅުވާލަން ހަމަޖެހިފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.