ކަޝްމީރުގެ ކުޑަކުދިންނާ ދެކޮޅަށް ޕެލެޓްގަން ބޭނުން ނުކުރުމަށް އދފގެ ސެކްރެޓަރީ ޖނެރަލް އެންޓޯނިއޯ ގުޓަރޭސް އިންޑިއާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް މިކަމަށް ގޮވާލެއްވީ، އދއިން އާންމުކުރި ރިޕޯޓެއްގައެވެ.

މިރިޕޯޓްގައި އދގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭސްވަނީ، އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ފަޅީގެ ކުޑަކުދިންނާ ދެކޮޅަށް ޕެލެޓްގަން ބޭނުންކުރަމުންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގަންނަވާކަން ހާމަކުރައްވާފައެވެ.

ކުޑަކުދިންނަކީ އެއްވެސް ސިފައެއްގައި ސަލާމަތީ ފައުޖުތަކާ ގުޅިފައިތިބޭ ބައެއް ނޫން ކަމަށާއި، އެހެންކަމުން، ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް ކުޑަކުދިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް އދގެ ސެކްރެޓަރީ ޖެނަރަލް ގޮވާލައްވާފައި ވެއެވެ.

އެގޮތުން، ކުޑަކުދިންނާ ދެކޮޅަށް ޕެލެޓްގަން ބޭނުން ކުރުން ނިމުމަކަށް ގެނައުމަށް އިންޑިއާ ސަރުކާރަށް ގޮވާލައްވާފައި ވެއެވެ.

ޕެލެޓްގަންއަކީ، އޭގެ ވަޒަން ޖެހުމުން ކުދި ދަގަނޑު އެތިކޮޅުތައް ބުރައިގެންގޮސް، މީހުންނަށް ބޮޑެތި އަނިޔާތައް ލިބޭ ބާރުގަދަ ހަތިޔާރެކެވެ.

އިންޑިއާގެ ސަލާމަތީ ބާރުތަކުން ޚާއްސަކޮށް ޕެލެޓްގަން ބޭނުންކުރަނީ ކަޝްމީރުގެ ޒުވާނުން ކުރިއަށްގެންދާ މުޒާހަރާތަކާ ދެކޮޅަށެވެ. މިގޮތުން، ދެވުނު ހަމަލާތަކުގައި އެތައް ކުޑަކުދިން މަރުވެ، އެތައް ކުދީންނަށް ބޮޑެތި އެތައް އަނިޔާއެއް ލިބިފައި ވެއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓްގައި، އިންޑިއާގެ ސަލާމަތީ ބާރުތަކުން ޕެލެޓްގަން ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންނަށް ލިބިފައިވާ ގެއްލުންތަކާއި، އަދި އެކަމުގައި ހިމެނޭ ކުދިންގެ އަދަދުތައް ގުޓަރޭސްގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

2016 ވަނަ އަހަރު ކަޝްމީރުގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ހިނގި އުތުރިއެރުމުގައި އިންޑިއާއިން ޕެލެޓްގަން ބޭނުންކުރުމުގެ ސަބަބުން 1،100 އަށްވުރެ ގިނަމީހުންގެ އެއްލޯ ނުވަތަ ދެލޯ އަނދިރިވެފައި ވެއެވެ. އެއީ، ޕެލެޓްގަން ބޭނުންކުރުމުގެ ސަބަބުންނެވެ.

ލޯ ޒަޚަމްވެ، ލޮލުގެ ފެނުން ގެއްލުނު މީހުންގެ ތެރެއިން ގިނައީ ކުޑަކުދިންނެވެ. ލޮލުގެ ފެނުން ގެއްލުނު ކުދިންގެތެރޭގައި އުމުރުން 19 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.

ޕެލެޓްގަންގެ މައްސަލައިގެ އިތުރުން، އިންޑިއާ ސިފައިންގެ އޮޕަރޭޝަންތަކަށް ކަޝްމީރުގެ ސްކޫލްތައް ބޭނުންކުރާ މައްސަލައާއި، އަދި ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް ކުޑަކުދިން ހިފައި ހައްޔަރުކޮށް ބޮޑެތި އަނިޔާކުރާ މައްސަލަވެސް އދގެ ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.

ޖައްމޫ އެންޑް ކަޝްމީރަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދަށް ދީފައިއޮތް ސްޓޭޓެއްގެ ދަރަޖަ ނިގުޅައިގަނެ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރުވަނީ، ޖައްމޫ އެންޑް ކަޝްމީރަކީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއަކަށް ބަދަލުކޮށްފައެވެ.