މިދުވަސްވަރުގައި މިދާ ސިޔާސީ އެނބުރުން ތަކުގައި ދިވެހި ކުޅިވަރު އާއިލާ އާއި ކުޅިވަރު ނޫސްވެރިން ނުޖެހުމަށް ރާއްޖޭގެ ކުރީގެ އޮލިމްޕިކްސް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރްޒޫގް އަހްމަދު އެދިއްޖެއެވެ.

މަރްޒޫގް މިހެން ވިދާޅުވީ ބުދަ ދުވަހު މީސްމީޑިއާގައި އާއި ބައެއް މީޑިއާތަކުން، އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ދިވެހި އެތްލީޓެއްގެ ބަދަލުގައި، ރާއްޖޭގެ ގައުމީ ޖާޒީ ލައިގެން އިންޑިއާގެ އަންހެން އެތުލީޓަކު ދުވިކަމަށްބުނެ ދޮގު ހަބަރުތަކެއް ފަތުރަމުން ދިއުމާއި ގުޅިގެންނެވެ.

މީސްމީޑިއާގައި މަރްޒޫގް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބައިނަލްއަގްވާމީ އިވެންޓެއްގައި މިކްސްޑް ޓީމް އެއް ދުވުން މީ އަލަށްވީ ކަމެއް ނޫން ކަމަށެވެ. އަދި މީގެކުރިންވެސް ބައެއް މުބާރާތްތަކުގައި ރާއްޖޭގެ ފަހުރުވެރި ޖާސީ ލައިގެން މޭ މަތީގައި ދިވެހި ދިދަ ޖަހައިގެން އެހެން ގައުމުތަކުގެ ކުޅުންތެރިން ކުޅެފައިވާ ކަމަށެވެ. އެގޮތުން ދިވެހި ޖާޒީގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް ބޭރުގެ ފަސް ކުޅުންތެރިއަކު ކުޅެފައިވާކަންވެސް މަރްޒޫގް ފާހަގަކުރެއްވިއެވެ.

އަދި އޭރު އެކަން އެއްވެސް މައްސަލައަކަށް ނުވާ ކަމަށާއި އެއްވެސް ނޫހަކުން ވެސް އެކަމާއި ވެގެން ނޫޅޭކަމަށެވެ. އަދި އޮލިމްޕިސަމް އަކީ ކުޅިވަރު މައިދާނުގައި ޒުވާނުން އެޑިއުކޭޓް ކޮއްގެން ސުލްހަވެރި އަމާން އެކުވެރި ދުނުޔެއެއް ހޯދުންކަން މަރްޒޫގް ވަނީ ހަނދާން ކޮށްދެއްވާފައެވެ.

ހުސްވި ޖޫން މަހުގެ 25 އިން 29 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށްދިޔަ މި މުބާރާތުގައި އަންހެނުންގެ ހަތަރެއް ގުނަ 100ގެ ރިލޭ އިވެންޓްގައި ހަތަރު ދުވުންތެރިން ވާދަކުރަން ޖެހޭއިރު މި އިވެންޓުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގެ އެއް ދުވުންތެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ދިވެހި ދުވުންތެރިންނަށް ބުރަ މަސައްކަތުން ލިބުނު މި ފުރުސަތު ގެއްލުވާ ނުލުމަށް ރާއްޖެ ޓީމު ގައުމު ތަމްސީލުކުރުމުގެ ބަދަލުގައި މިކްސްޑް ޓީމެއްގެ ގޮތުގައި ބައިވެރިވާން އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ޓީމުގައި އިންޑިއާގެ އެތްލީޓަކު ބައިވެރިވެ، ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީގައި، ރާއްޖެ ތަމްސީލު ކުރިކަމަށްބުނެ މީސްމީޑިއާގައި މަދުބަޔަކު ވަނީ ނުރުހުން ފާޅުކޮފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިވެންޓުގައި ރާއްޖޭގެ އެތްލީޓުންނަށް ފަރިތަކުރުމަށް ލިބުނު މި ފުރުސަތު ގެއްލުވާ ނުލުމަށްޓަކައި އިންޑިއާ އެތްލީޓާއެކު މިކްސްޑް ޓީމެއް އެކުލަވާލި ނަމަވެސް، މި އިވެންޓުގައި އިންޑިއާ އެތްލީޓް ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ކިޓެއް ނޫނެވެ. އެ އެތްލީޓު ރޭހުގައި ބޭނުން ކޮށްފައިވަނީ ރާއްޖޭގެ ކޯޑު ކަމަށްވާ "އެމްޑީވީ" ޖަހާފައިވާ ޕްރެކްޓިސް ޖާޒީއެކެވެ.

އަދި ރާއްޖެއިން މިގޮތަށް ކަންތައްކުރީ މުބާރާތަށް ރާއްޖެ ޓީމުން ދެންދިޔަ ކުޅުންތެރިންނަސް ފުރުސަތު ގެއްލުވައި ނުލުމަށެވެ. އަދި މުބާރާތް އިންތިޒާމްކުރާ ފަރާތުން މިކްސްޑް ޓީމެއްގެ ގޮތުގައި ރާއްޖޭގެ އެތްލީޓުންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިންއިރު ރިލޭ އިވެންޓުގައި ބައިވެރިވާ ޓީމުތަކުން ލާން ޖެހެނީ އެއް ވައްތަރެއްގެ ހެދުމެކެވެ. އެހެންކަމުން މި އިވެންޓުގައި އެއްވައްތަރެއްގެ ހެދުން ލުމަށްޓަކައި ރާއްޖެ ޓީމުން ބޭނުން ކޮށްފައިވަނީ އެތްލެޓިކްސް ޓްރެއިނިންގ ތަކުގައި ބޭނުންކުރާ ޓީޝާޓެވެ.

އިންޑިއަން ސްޓޭޓް ޗެމްޕިއަންޝިޕުގައި މީގެކުރިން ވެސް ރާއްޖެއިން ބައިވެރިވެފައިވެއެވެ. އެގޮތުން 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުގައި ވެސް ރާއްޖެއިން ބައިވެރިވެފައި ވެއެވެ. މި ބުރު ރާއްޖެއާއެކު ކަޒަކިސްތާނާއި ސްރީލަންކާ އަދި ބަންގްލަދޭޝް އާއި ބޫޓާންގެ އެތްލީޓުން މިއަހަރުގެ މުބާރާތުގައިވާދަކުރެއެވެ.