ޔޫރަޕްގެ ބައެއް ގައުމުތަކުން އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން ގަބޫލުކުރަން ނިންމައިފިއެވެ.

"ކޮވިޝީލްޑް" އަކީ އޮކްސްފޯޑް/އެސްޓްރަޒެނެކާއިން ޑިވެލޮޕްކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފައްދާ ވެކްސިންގެ ބާވަތަށް އިންޑިއާގައި ކިޔާ ނަމެވެ.

އިންޑިއާއާއި، ޔޫރަޕްގެ އިއްތިހާދާ ދެމެދު މި ފަހުން މައްސަލަ އުފެދުނީ، އީޔޫގެ ވެކްސިން ޕާސްޕޯޓް ޕްރޮގްރާމްގައި ކޮވިޝީލްޑް ވެކްސިން ނުހިނަން ނިންމުމާ ގުޅިގެންނެވެ. މާނައަކީ ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަށް އީޔޫއަށް އެތެރެވުމުގެ ފުރުސަތު ނުލިބުމެވެ.

އީޔޫގެ ވެކްސިން ޕާސްޕޯޓް ޕްރޮގްރާމްގައި ހިމެނޭ ހުޅަނގުގައި އުފައްދާފައިވާ 4 ވެކްސިނެއް ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށް ޔޫރަޕަށް ދަތުރުކުރަން މިއަދުން ފެށިގެންވަނީ ހުޅުވާލާފައެވެ. އެ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ، މޮޑަނާ، ފައިޒަރ/ބަޔޯއެންޓެކް، ޖޯންސަން އެންޑް ޖޯންސަން އަދި ޔޫރަޕްގައި އުފައްދާ އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިނެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސް އީޔޫގެ ލިސްޓުގައި ނުހިމެނީ، ކޮވިޝީލްޑަކީ ޔޫރަޕުން އެޕްރޫވްކޮށްފައިވާ މެތޮޑާ ތަފާތު މެތޮޑަކަށް އުފައްދާ ވެކްސިނަކަށް ވުމުންނެވެ.

އީޔޫގެ ލިސްޓުގައި ކޮވިޝީލްޑް ނުހިމެނި މައްސަލަ ވަރަށް ހޫނުވެ، ޔޫރަޕުން އިންޑިއާއަށް ދަތުރުކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް އިންޑިއާއިން އިންޒާރުކުރިއެވެ.

އެހެން ނަމަވެސް، ކޮވިޝީލްޑް ޖަހާފައިވާ މީހުންނަށް ދަތުރުކުރުމުގެ ހުއްދަދިނުމަށް އީޔޫގެ މެމްބަރު 9 ގައުމަކުން މިހާރުވަނީ ނިންމާފައެވެ. މިލިސްޓަށް އެންމެފަހުން އިތުރުވެފައިވަނީ ޖަރުމަނުވިލާތާއި ސްޕެއިންނެވެ.

އިންޑިއާގެ ޚާރިޖިއްޔާގެ މަސްދަރަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ދަތުރުފަތުރުގެ މަގްސަދަށްޓަކައި ކޮވިޝީލްޑް ގަބޫލުކުރަން ނިންމާފައިވާކަން ޖަރުމަނު، ސްޕެއިންގެ އިތުރުން، އޮސްޓްރިއާ، ސްލޮވީނިއާ، ގްރީސް، އައިސްލެންޑް، އަޔަރލޭންޑް، ސްވިޓްޒަރލޭންޑުން މިހާރުވަނީ އިންޑިއާ ސަރުކާރަށް އަންގާފައެވެ.

އެސްޓޯނިއާއިންވަނީ، އިންޑިއާ ސަރުކާރުން އެޕްރޫވް ކޮށްފައިވާ ހުރިހާ ވެކްސިނެއް ގަބޫލުކުރާނެކަން އަންގާފައެވެ. އެއީ، ކޮވިޝީލްޑްގެ އިތުރުން، ބާރަތު ބަޔޯޓެކްގެ ކޮވެކްސިނެވެ.