ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، 500އަށްވުރެ ގިނަ މީހުން އެމަގާމަށް ކުރިމަތިލާފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފިއެެވެ.

ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުގައެވެ. މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ބަންދުވެފައެވެ.

ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން، ކަނޑައެޅި މުއްދަތު ހަމަވިއިރު، އެ މަޤާމުތަކަށް ޖުމްލަ 511 މީހަކު ކުރިމަތިލާފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން ރަށު ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 371 މީހަކު ކުރިމަތިލާފައިވާއިރު، އަދި އަތޮޅު ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް 86 މީހެއް ކުރިމަތިލާފައިވެއެވެ. ސިޓީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ޖުމްލަ 54 މީހުން ކުރިމަތިލިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް -/20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާއާއެކު އެކުޖުމުލަ -/35500 ރުފިޔާ ލިބެއެވެ.

އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް -/12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/8870 ރުފިޔާއާއެކު އެކުޖުމުލަ -/21000 ރުފިޔާ ލިބެއެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައަށް -/9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/6800 ރުފިޔާއާއެކު އެކުޖުމުލަ -/16100 ރުފިޔާ ލިބެއެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލް ފަރާތްތައް ހޮވުމަށް ކޮމިޝަނުން އާންމުކޮށްފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން، މަގާމަށް މީހަކު އައްޔަންކުރެވިގެންދާނީ، ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްގެ ލަފާގެމަތިންކަމުގައި ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.