ކައުންސިލްތަކަށް ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނަށް ނުފޫޒު ނުފޯރުވުމަށް ސަރުކާރަށް އިދިކޮޅުން ގޮވާލައިފިއެވެ.
އިދިކޮޅުން މިކަމަށް ގޮވާލީ އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.
އިދިކޮޅުން ބުނީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ސަރުކާރުން ބޭނުންވާ ބައެއް ފަރާތްތަކަށް ގުޅާ އިތުރު ފުރުސަތު ދެމުންދާ ކަމުގެ ޝަކުވާތައް އެ ކޯލިޝަނަށް ދަނީ ލިބެމުން ކަމަށެވެ.
މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ އަމަލެއްކަން ފާހަގަކޮށް މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ކޯލިޝަނުން ބުނެއެވެ.
ކައުންސިލްތަކުގެ ހިންގުމުގެ އިދާރީ ވެރިން އައްޔަންކުރަން ވާނީ އިންސާފުވެރި ކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންކަން ފާހަގަކޮށް އިދިކޮޅުން ވަނީ ސަރުކާރުން ބޭނުންވާ ބަޔަކު އައްޔަންކުރުމަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވާލާފައެވެ.
އަދި ސުންގަޑި ހަމަވުމަށް ފަހު އިތުރު ފަރާތްތަކަށް ހުޅުވާލާނަމަ އެކަންކުރަންވާނީ ހާމަކަންބޮޑުގޮތެއްގައި އެކަން އިއުލާން ކުރެވިގެން ކަމުގައިވެސް ދެކޭ ކަމަށް އިދިކޮޅުން ބުނެއެވެ.