އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރޭ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެއެވެ.

އެމެރިކާ ސަރުކާރުން ވަނީ، 2017 ވަނަ އަހަރު ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެެލުމަށްފަހު، ޓްރެފިކިންގ ވޮޗްލިސްޓުގައި ހިމަނާފައެވެ.

2020 ވަނަ އަހަރު ރާއްޖެއިން ވަނީ ހިއުމަން ޓްރެފިކިންގ އާއި ދެކޮޅަށް އައު އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް ޓިއަރ 3 އަށް އޮޓޮމެޓިކުން ޑައުންގްރޭޑު ވިޔަނުދިނުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ޓިއަރ 3 އަށް ވެއްޓުމަކީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ދޭ ނޮން-ހިއުމެނިޓޭރިއަން އެހީ ކަނޑައިލުމަށް މަގުފަހިވާނެ ކަމެކެވެ.

އެމެރިކާ ސަރުކާރުން ބުނީ ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ކުރިއަށް ޖެހުން ރަމްޒުކޮށްދެނީ ނުހަނު ދަތި އުނދަގޫ ހާލަތުގައި ވެސް ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޮޑު ކުރިއެރުމެއް ހާސިލްވެފައިވާ ކަމެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުގައިވެސް އިންސާނީ ވަގުފާރިއާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމާއި ޚާއްސަ އިސްކަން ފާހަގަކުރައްވައި އެމަނިކުފާނަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި 1 ޑިސެމްބަރ 2019 އިން ފެށިގެން، މިނިސްޓްރީ އޮފް ޑިފެންސް އިން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ ރައީސް އަދި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ އަލީ ޖައިޝަން އާމިރާއި ކޮމިޓީގެ ހުރިހާ މެމްބަރުންގެ ބުރަ މަސައްކަތްޕުޅާއި ކޮމިޓީއަށް އެއްބާރުލުން ދެއްވާ ފަރާތްތަކުގެ އެހީތެރިކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހާސިލްކޮށްފައެވެ.

އޭގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްސަ ޝެލްޓަރެއް ގުޅީފަޅުގައި ގާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ގާނޫނަށް ބަދަލުގެނައުން ހިމެނެއެވެ.