ކޮވިޑްވައިރަހުގެ ޑެލްޓާ ވޭރިއެންޓް ވަރަށް ނުރައްކާ ކަމަށާއި، އެހެންކަމުން، ބަލި ފެތުރުން ހުއްޓުވަން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފިއެވެ.

ޖެނީވާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ޑެލްޓާ ވޭރިއެންޓް ދަނީ، ބައެއް ގައުމުތަކުގައި އެންމެ ގިނަމީހުންނަށް ބަލިޖައްސާ ވޭރިއެންޓަށް ވަމުން ކަމަށާއި، އެހެންކަމުން، މި ވޭރިއެންޓުގެ ސަބަބުން ބަލި ފެތުރުން ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

އެގޮތުން، ވެކްސިން ޖެހުން އިތުރުކޮށް، އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށް ހަރުދަނާ ކުރުމަށްވެސް ޑރ. ޓެޑްރޯސް ގައުމުތަކުގެ ވެރިންނަށް ގޮވާލައްވާފައި ވެއެވެ.

ޑރ. ޓެޑްރޯސް ވިދާޅުވީ، ވެކްސިން ޖެހުމުގެ ކަންކަން އެކަށީގެންވާ މިންވަރަށް ކުރިއަށް ނުގެންދެވޭ ގައުމުތަކުގައި، ބަލީގެ ސަބަބުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވުން އާންމުވަމުންދާ ކަމަށެވެ. އެހެންވިޔަސް، އެއްވެސް ގައުމަކަށް މި ބަލިމަޑުކަމުން އަދި ސަލާމަތް ވެވިފައި ނުވާކަމަށް ވިދާޅުވިއެވެ.

ޑެލްޓާ ވޭރިއެންޓުގެ ނުރައްކަލާ ގުޅޭގޮތުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ، އެ ވޭރިއެންޓު އަދިވެސް ދަނީ މިއުޓޭޓްވެ ބަދަލުވަމުން ކަމަށާއި، އެހެންކަމުން، ހާލަތު ބަލައި ފަރުވާތެރިކަމާއެކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ގައުމުތަކުން އެޅުން މުހިންމު ކަމަށެވެ.

"އަޅުގަނޑުން މިހާރު ހޭދަކުރަމުން މިދަނީ ކޮވިޑްބަލިމަޑުކަމުގެ ވަރަށް ނުރއްކާތެރި ދުވަސްތަކެއް. ޑެލްޓާ ވޭރިއެންޓް މިހާތަނަށް ގާތްގަނޑަކަށް 98 ގައުމަކުން ފެނިއްޖެ. އަދި މި ވޭރިއެންޓް ދަނީ ވެކްސިން މަދުން ޖަހާފައިވާ ގައުމުތަކާއި، ގިނައިން ޖަހާފައިވާ ގައުމުތަކުގައިވެސް ފެތުރެމުން"
ޑރ. ޓެޑްރޯސް އަދަނޮމް

ޕްރެސް ކޮންފަރެންސްގައި، ޑަބްލިޔޫއެޗްއޯގެ ކޮވިޑް-19 އާބެހޭ ޓެކްނިކަލް ލީޑް، ޑރ. މާރިއާ ވެން ކަރްޚޯވް ވިދާޅުވީ، ޑެލްޓާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނުފަހުން އެ ވޭރިއެންޓްގެ ހާލަތު މެދުނުކެނޑި ބަދަލުވަމުންދާ ކަމަށެވެ.

އެއީ، ވައިރަސްގެ ތަބީއަތުގައި ހިނގާ ކަމެއް ކަމަށާއި، ކޮވިޑްވައިރަހުގެ ވޭރިއެންޓުތަކުގެ ތެރެއިން ކަންބޮޑުވާންޖެހޭ ހަތަރު ވޭރިއެންޓެއް އުޅޭކަން ޑރ. މާރިއާ ވެން ކަރްޚޯވް ވިދާޅުވިއެވެ. އެގޮތުން ފާހަގަކުރެއްވީ، ޑެލްޓާގެ އިތުރުން، އަލްފާ، ބީޓާ، އަދި ގާމާއެވެ.

ޑރ. މާރިއާ ވެން ކަރްޚޯވް ވިދާޅުވީ، ޑެލްޓާ ވޭރިއެންޓުގެ އިތުރު ވައްތަރުތަކެއް ފެތުރެމުންދާކަމަށް ބެލެވޭތީ ތަޖުރިބާކާރުން އެކަން ބަލަމުން ގެންދާ ކަމަށެވެ. އެހެންވެ، ޖެނޮމިކް ސީކުއެންސިންގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ގައުމުތަކަށް ގޮވާލެއްވިއެވެ.