ބޮލީވުޑްގެ ސްޕަރސްޓަރ އާމިރު ޚާންއާއި، އޭނާގެ އަންހެނުން ކިރަން ރާއޯ، 15 އަހަރަށްފަހު ވަރިވާން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އާމިރު ޚާންއާއި ކިރަން ރާއޯ މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.

އާމިރު ޚާންއަކީ ބޮލީވުޑްގެ ސްޕަރސްޓާރަކަށް ވާއިރު، އޭނާގެ އަންހެނުން ކިރަން ރާއޯއަކީ ފިލްމު ޑިރެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްވެސް މެއެވެ.

އެދެމަފިރިންގެ އާޒާދު ނަމަކަށްކިޔާ ފިރިހެން ކުއްޖަކުވެސް ހުރެއެވެ.

15 އަހަރަށްފަހު ވަރިވާން ނިންމީ ސީދާ ކޮން ސަބަބަކާ ހެދި ކަމެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ދެމީހުން ވަރިވި ނަމަވެސް، ދަރިފުޅު ބެލުމުގެ ކަންކަން ދެމީހުން ގުޅިގެން ކުރަމުންދާނޭ ކަމަށެވެ.

އަދި މަހާރަޝްޓްރާއަށް ދިމާވާ ހަނަފަސްކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ދެމީހުން ގުޅިގެން އުފައްދާފައިވާ "ޕާނީ ފައުންޑޭޝަން" ގެ މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އާމިރު ޚާންއާއި، ކިރަން ރާއޯގެ ބަޔާނުގައި ބުނެފައިވަނީ، އެދެމީހުން ވަރިވުމަށް ރާވަން ފެށިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ދަރިފުޅު ބެލުމާއި، އެހެން ކަންކަމުގައި ދެން އުޅޭނީ ދެމަފިރިންގެ ގޮތުގައި ނޫން ކަމަށާއި، ކުރިއަށްއޮތް ދުވަސްތައް ހޭދަކުރާނީ ކޯ-ޕޭރެންޓްސްގެ ގޮތުގައި ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެދެމީހުން އެކުގައި ހޭދަކުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

އުމުރުން މިހާރު 56 އަހަރުގެ އާމިރު ޚާން އޭނާގެ މިހާރުގެ އަންހެނުން ކިރަން ރާއޯ ވަރިކުރަން ނިންމިއިރު، އޭނާގެ ކުރީގެ ކައިވެންޏަށް 2 ކުދިން ލިބިފައި ވެއެވެ.

އާމިރު ޚާންއާއި ކިރަން ރާއޯ އެންމެ ފުރަތަމަ ބައްދަލުވެފައިވަނީ 2001 ވަނަ އަހަރު ނުކުތް ލަގާންއިންނެވެ. އެ ފިލްމު އޮސްކާއަށްވެސް ނޮމިނެޓްވިއެވެ. އާމިރުއާއި، ކިރަން ކައިވެނިކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ.

އާމިރު ޚާންއަކީ އިންޑިއާގެ އެންމެ އަގުބޮޑު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. ފިލްމީ ހަޔާތް ފެށީއްސުރެ އޭނާ ވެގެން ގޮސްފައިވަނީ ވަރަށް ތަފާތު ފިލްމުތައް ކުޅޭ، އަދި ތަފާތު ފިލްމުތައް އުފައްދާ ތަރިއަކަށެވެ.

އިންޑިއާއިން ބޭރުން އާމިރު ޚާނަށް އެންމެބޮޑު ތާއީދެއް އޮންނަނީ ދުނިޔޭގެ އެންމެ އާބާދީބޮޑު ޗައިނާގައެވެ.