މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅުންހުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންނާ ގުޅޭގޮތުން މީސްމީޑިއާގައި ދަނީ ތަފާތު ވާހަކަތައް ދައުރުވަމުންނެވެ.

އެގޮތުން، މިމައްސަލާގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންނަށް ވަކީލުން ހަމަޖެއްސީ ކޮންބައެއްކަން، ޚުދު ހައްޔަރުކޮށްފައިވާ މީހުންނަށްވެސް ނޭނގޭ ކަމަށާއި، އޭގެތެރެއިން ބައެއް މީހުންގެ ޢާއިލާތަކަށްވެސް މިކަން އެނގިފައި ނުވާކަމަށް ބުނެ މީސްމީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

މިކަމާއި ގުޅޭގޮތުން، އެންމެބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންގެ ގޮތުގައި ވަޑައިގަންނަވަނީ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން، އެމަޤާމުން އިސްތިއުފާ ދެއްވި މުހައްމަދު ރާގިބު އަހުމަދުގެ ލޯ ފާމް، "ލީގަލް ޗޭމްބަރސް" ގެ ބައެއް ވަކީލުން ކަމަށެވެ.

ރާގިބްއާ މެދު ފިޔަވަޅުއަޅައި މަޤާމުން ވަކިކުރަން ނިންމާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ކަމަށްވާއިރު، ބޮމުގެ ހަމަލާގެ މައްސަލާގައި ރާގިބްގެ ދަށުން މަސައްކަތް ކުރައްވާ ވަކީލުން ނަޝީދުއާ މެދު އިންސާފުވެރި ވާނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މިހަމަލާއަށް ފަންޑުކުރި މީހުންވެސް ރާގިބްއަށް އެނގިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ.

ނާޒިމްގެ މިވާހަކަތަކަށް ރައްދުދެއްވާ ރާގިބް ވިދާޅުވީ، ވަކާލާތު ކުރަންޖެހޭނީ ވަކި ވައްތަރެއްގެ، ވަކި ނަމެއް ކިޔާ މީހުންނަށް ކަމަށް، ޤާނޫނީ ވަކީލުންގެ ހުވާގައްޔާއި، ވަކީލުން ޢަމަލުކުރަންޖެހޭ ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި ނޯންނަ ކަމަށެވެ. އަދި، ޑިމޮކްރަސީ ނުދަންނަ ބަޔަކު ޑިމޮކްރަސީ ގެނެސް ދަމަހައްޓަން މަސައްކަތް ކުރާތީ ހައިރާންވާ ކަމަށްވެސް ރާގިބް ވިދާޅުވެފައި ވެއެވެ.

ގިނަ ފަހަރު މިފަދަ ޖަރީމާތަކުގައި ހައްޔަރުކުރާ މީހުންނަކީ ބޮޑު ޚަރަދުކޮށް ޤާނޫނީ ވަކީލުން ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުންނަ މީހުންނަށް ނުވާއިރު، އަޑިނޭނގޭ ގޮތަށް ތުހުމަތުވާ މީހުންނަށް ވަކީލުން ހަމަޖައްސައި، ޚަރަދުދެނީ މިހަމަލާ ރޭވި ފަރާތުން ފަންޑުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އަދި ތަހުޤީޤު ކުރިއަށް ދިޔަ ނުދީ، މިސްރާބު އަނބުރާލަން މަސައްކަތް ކޮށްފާނެ ކަމަށާއި، މިކަން މިގޮތަށް ހިނގާފައިވާނަމަ، މިއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަމުގެ ހަޤީޤަތް ހޯދައި ބަލަންޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިގޮތަށް ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބްދުﷲ އާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްވެސް ހިމެނެއެވެ.

މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވަނީ، ހަމަލާގައި ޢަމަލީގޮތުން ބައިވެރިވި މީހުން ސަލާމަތްކުރަން މަސައްކަތްކުރަނީ، ހަމަލާ ރޭވުމަށާއި ޤާނޫނީ ވަކީލުންނަށް ފަންޑުކުރި މީހުންތޯ ސުވާލު އުފައްދަވާފައެވެ. އަދި، ވަކީލުންނަށް ފަންޑުކުރި މީހުން ހޯދާ އާންމުކުރަން ޖެހޭ ކަމަށާއި، ފައިސާގެ މުއާމަލާތްތައް ހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް ވެސް ފިރުޝާން ވަނީ ގޮވާލާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަކީ ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވި ކަމަށް އެމްޑީޕީގެ މެއި 6 ގެ ކޮމިޓީން ވަނީ ބުނެފައެވެ.

މި ހަމަލާއާއި ގުޅިގެން 8 މީހެއްގެ މައްސަލަ ތަހުގީގު ކުރެވެމުންދާއިރު މިހާތަނަށް ފަސްމީހަކު ހައްޔަރުކޮށްފައި ވެއެވެ.

މިހަމަލާ ތަހުޤީޤު ކުރުމަށް ރައްޔިތުންގެ މަޖިޅީހުގެ 241 ކޮމިޓީންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހަމާލާގެ ފަހަތުގައިވާ ފަރާތްތަކާބެހޭ އެއްވެސް މަޢުލޫމާތެއް އާންމުންނާ ހިއްސާ ކޮށްފައެއް ނުވެއެވެ.

އަދި މިހަމަލާ އަށް ފަންޑުކުރި ކަމުގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މަޢުލޫމާތުވެސް ލިބިފައެއް ނުވެއެވެ.