މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް، ދުނިޔޭ ފުޓުބޯޅައިގެ ތާރީހުގަވެސް އެންމެ ދަށް ނަތީޖާއެއް ނެރެފައިވާ ޓީމުން ކޮންޓްރެކްޓެއް ހުށަހަޅައިފިއެވެ.

ބްރެޒިލްގެ އައިބިސް ނަމަކަށް ކިޔާ މި ކުލަބަކީ ދަށް ނަތީޖާ ނެރުމުގެ ވޯލްޑް ރެކޯޑެއްވެސް ހޯދާފައިވާ ކުލަބެކެވެ. އެއީ އެންމެ ގިނަ ދުވަސް ވަންދެން މެޗަކުން މޮޅުނުވެ އޮތް ޓީމުގެ ރެކޯޑެވެ. ގިނެސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން އައިބިސް ޖާގަ ހޯދީ ޖުމްލަ ތިން އަހަރާއި 11 މަސް، މޮޅެއް ނުހޯދައެވެ.

ސްޕެއިންގެ ކުޅިވަރު މީޑިއާ އަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އައިބިސް އިން މެސީ އަށް ހުށަހަޅާފައިވަނީ މިހާތަނަށް އެއްވެސް ކުޅުންތެރިއަކަށް ޓީމަކުން ހުށަހަޅާފައިނުވާ ވަރުގެ ހައިރާން ކުރަނިވި ކޮންޓްރެކްޓެކެވެ.

އެގޮތުން މި ކޮންޓްރެކްޓުގެ ދަށުން މެސީ އަށް އެޓީމުގެ 10 ނަމްބަރު ޖާޒީއެއް ނުލެވޭނެއެވެ. ސަބަބަކީ އެ ޖާޒީ އަކީ އެޓީމުގެ މައުރޯ ޝޭމްޕޫ ނަމަކަށް ކިޔާ ކުޅުންތެރިއަކަށް ނިސްބަތްވާ ޖާޒީއަކަށް ވުމެވެ.

މީގެ އިތުރުން ކޮންޓްރެކްޓުގެ މުއްދަތެއްގެ ގޮތުގައި އައިބިސް އިން ލިޔެފައިވަނީ 15 އަހަރެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކުލަބާއި އެކު މެސީ ޗެމްޕިއަންކަން ހޯދައިފިނަމަ ކޮންޓްރެކްޓް ބާތިލް ވާނެކަމަށްވެސް ލިޔެފައިވެއެވެ.

މި ކޮންޓްރެކްޓުގައިވާ ޝަރުތުތަކުގެ ތެރެއިން އެންމެ ހައިރާން ކުރަނިވި އަދި އެންމެ މަޖާ ޝަރުތަކީ، ކޮންޓްރެކްޓުގައި ސޮއެ ކުރާ ވަގުތު މެސީ ކަމަކަށް ވައުދުވާން ޖެހުމެވެ. އެ ވައުދަކީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އަށްވުރެ ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭ ފުޓުބޯޅަ ކުޅެން މޮޅު ކަމަށް އެއްބަސްވުމެވެ.

ބާސާ އާއިއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް އައު އެއްބަސްވުމެއް ހެދިފައެއް ނުވެއެވެ. މިއާއެކު ދުނިޔޭގެ ބޮޑެތި، މުއްސަނދި ކުލަބުތަކުގެ އިތުރުން މަޖާޒީ ގޮތަކަށް ބައެއް ދަށް ލީގުތަކުގައި ކުޅޭ ކުލަބުތަކުންވެސް އަންނަނީ މެސީ އަށް ހުށަހެޅުންތައް ހުށަހަޅަމުންނެވެ.

މީގެކުރިން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެކުރިން މެސީ ބާސާ ދޫކޮށްލަން ބޭނުންވާކަން އިއުލާން ކުރުމާއެކުވެސް މިފަދަ ތަފާތު އެތައް ހުށަހެޅުމެއް އޭނާ އަށް ވަނީ ކުލަބުތަކުން ހުށަހަޅާފައެވެ.

7504 ދުވަހަށްފަހު މެސީ ކުލަބެއް ނެތިފައި ހުރިއިރު އޭނާ އެންމެ ފުރަތަމަ ބާސާގެ ސީނިއާ ޓީމަށް ކުޅެފައިވަނީ 2004 ވަނަ އަހަރެވެ. އެންމެ ފުރަތަމަ މެސީ ބާސާ އާއިއެކު ހެދި އެއްބަސްވުން އަދި ސޮއެ ލިޔެވިފައިވަނީ ޓިޝޫ ޕޭޕަރެއްގައެވެ.

މެސީ އާއިއެކު ބާސާއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިނަމަވެސް ރިޕޯޓްތައް ބުނާގޮތުން އޭނާ އާއި ބާސާ އާއި ދެމެދު ދަނީ އަދިވެސް މަޝްވަރާތައް ކުރެވެމުންނެވެ. އެހެންނަމަވެސް މެސީ މިވަގުތު ކޮޕާ އެމެރިކާގައި އާޖެންޓީނާ ތަމްސީލުކުރަމުން ދާތީވެ، އޭނާގެ ބަދަލުގައި ބާސާގެ ރައީސް ލަޕޯޓޭ އާއިއެކު މަޝްވަރާތައް ކުރިއަށް ގެންދަނީ މެސީގެ ބައްޕައެވެ.

ކޮންޓްރެކްޓް ހަމަވިނަމަވެސް މެސީ އިތުރު ކުލަބަކާއިއެކު މަޝްވަރާތައް އަދި ކުރަމުން ނުދާއިރު މެސީ އާއިއެކު އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ މެސީގެ ޑިމާންޑް ތަކާއި ބާސާގެ މާލީ ހާލަތު ހުރިގޮތުންކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ޓެކްސް އާއި ގުޅުންހުރި މަޝްވަރާތަކެވެ.

މެސީ ކުލަބަށް ކުރަމުންދާ ޑިމާންޑް ތަކުގެ ތެރޭގައި މާލީ ޑިމާންޑް ތަކުގެ އިތުރުން އޭނާ އާއިއެކު ކުލަބުގައި ރަނގަޅު ކުޅުމެއް ދެއްކޭވަރުގެ ސްކޮޑެއް ބާސާއިން އެކުލަވާލުމަށް މެސީ ވަނީ ޑިމާންޑް ކޮށްފައެވެ.

ބާސާއަށް މިހާރު ކުރިމަތިވާނެ އައު ގޮންޖެހުމަކީ އެ ޓީމުން މެސީގެ ސޮއެ ހޯދިޔަސް ދެން އޭނާ ކުލަބަށް އައު ކުޅުންތެރިއެއްގެ ގޮތުގައި ސޮއެކުރަން ޖެހުމެވެ. އަދި އައު ކުޅުންތެރިއެއްގެ ގޮތުގައި ސޮއެކުރާއިރު ލަލީގާގެ މާލީ ގަވައިދުތަކަށް ފެތޭނެހެން، މެސީގެ ޑިމާންޑްތައްވެސް ފުއްދައިދިނުމަށް ބާސާއަށް ދަތިތަކަކާއި ކުރިމަތިވާނެއެވެ.

ހާއްސަކޮށް ލަލީގާގެ ރައީސް ހަވިއާ ޓެބަސް ވަނީ ބާސާގައި މިހާރު ތިބި ކުޅުންތެެރިންގެ މުސާރަތައް ކުޑަ ނުކުރާނަމަ އެކުލަބަށް ލަލީގާގެ މާލީ ގަވައިދުތަކުގެ ދަށުން މެސީ ސޮއެ ނުކުރެވޭނެކަމުގެ އިންޒާރު ދީފައެވެ.