ބޭނުންވަނީ ސްޕެއިން ފުޓުބޯޅައިގެ ގަދަބާރު، ރެއާލް މެޑްރިޑުގައި ހުރެ ކެރިއަރު ނިންމާލާ ރިޓަޔަރ ކުރަން ކަމަށް އެކުލަބުގެ އަދި ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޮނީ ކްރޫސް ބުނެފިއެވެ.

ޖަރުމަނުގެ މީޑިއާއަކަށް ދިން އިންޓަވިއު އެއްގައި ވާހަކަދައްކަމުން ކްރޫސް ބުނީ 2023 ވަނަ އަހަރަކީ ފުޓުބޯޅައިން ރިޓަޔަރ ކުރަން ރަނގަޅު އަހަރެއް ކަމަށެވެ. އެއީ އޭނާގެ އުމުރުން އެ އަހަރު 33 އަހަރު ވާނެތީ ކަމަށް ކްރޫސް ވަނީ ބުނެފައެވެ. ކްރޫސް މިހެން ބުނެފައިވާއިރު ރެއާލް އާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީވެސް 2023 ވަނަ އަހަރުއެވެ.

ކްރޫސް އިތުރަށް ބުނީ 2023 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމުން ރެއާލްގެ އެއްބަސްވުން އައު ކުރުމާއިމެދު އަދި ގޮތެއް ނުނިންމާ ކަމަށާއި ގޮތެއް ނިންމާނީ އެކަމާއިމެދު ވަރަށް ރަނގަޅަށް ވިސްނުމަށް ފަހުއެވެ. އަދި ކޮންޓްރެކްޓް އައު ކުރާނީ އިތުރު އެއް އަހަރަށް ނުވަތަ ދެއަހަރަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން ކްރޫސް ވަނީ ޖަރުމަނު ޓީމަށް ކުޅުނު 106 މެޗުގެ ތެރޭގައި އޭނާއަށް ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހުނުކަން ހާމަކޮށްފައެވެ. ހާއްސަކޮށް އެ މުއްދަތުގައި ގައުމީ ޓީމަށް އޭނާ ކޮށްދިން އެއްވެސް ކަމެއް ބަލައި ނުގަންނަ ކަމަށާއި 11 އަހަރުގެ ތެރޭގައި އެއްވެސް ފަރާތަކުން އޭނާގެ އަގުވަޒަން ކޮށްފައި ނުވާކަމަށް ބުނެފައެވެ. އެހެންނަމަވެސް މިއީ ޖަރުމަނުގެ ހުރިހާ އެންމެނަށް ބުނާ އެއްޗެއް ނޫން ކަމަށާއި ބައެއް ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި އިހުތިރާމަށް ޝުކުރު އަދާކުރާ ކަމަށް ކްރޫސް ބުންޏެވެ.

106 މެޗަށްފަހު މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުން ޖަރުމަނު ޓީމު ކެޓުމަށްފަހު ކްރޫސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ.

ކްރޫސް އިތުރަށް ބުނީ ޖަރުމަނާއި ހިލާފަށް ސްޕެއިންގައި ރެއާލް މެޑްރިޑަށް މީގެ ހަތް އަހަރު ކުރިން ކުޅުނު ފުރަތަމަ މެޗުން ފެށިގެން މިއަދާ ހަމައަށްވެސް ޓީމުގެ ސަޕޯޓަރުންނާއި ޓީމުގެ ވެރިންގެ ފަރާތުން އޭނާގެ މަސައްކަތް ބަލައިގަނެ އެކަމުގެ އަގުވަޒަންކުރާ ކަމަށެވެ.

2014 ވަނަ އަހަރު ރެއާލް މެޑްރިޑަށް ކްރޫސް ބަދަލުވީ ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. މިއަދާ ހަމައަށް ކްރޫސް ރެއާލް މެޑްރިޑަށް 215 މެޗު ކުޅެދީފައިވާއިރު 18 ލަނޑު ވަނީ ކާމިޔާބު ކޮށްދީފައެވެ. ކްރޫސް އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ތަޖުރިބާކާރު ޑިފެންޑަރެކެވެ.

ޕްރޮފެޝަނަލް ކެރިއަރުގައި ކްރޫސް ވަނީ މިހާތަނަށް ޖުމްލަ 608 މެޗު ކުޅެފައެވެ. އަދި މި މެޗުތަކުން އޭނާ ނިސްބަތްވާ ޓީމުތަކަށް ވަނީ 67 ލަނޑު ކާމިޔާބު ކޮށްދީ 147 އެސިސްޓް ކޮށްދީފައެވެ.