އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ ފުރުސަތު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން އަނެއްކާވެސް ހުޅުވާލައިފިއެވެ.
މިއީ މި މަގާމަށް ފުރުސަތު ހުޅުވާލި ތިން ވަނަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމަށް ޖޫން 2 ގައި ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާކަމަށެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖުލައި 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އަދި މި ފޯމުތަކާއި އިގްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ތިންވަނަ ފަހަރަށް ހުޅުވާލާފައި މިވަނީ، ކުރިން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް މަޖިލީހުން ރުހުން ނުލިބުމުގެ ސަބަބުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ތިން ނަމެއް މަޖިލީހަށް ފޮނުއްވިއެވެ.
އެ ނަންތައް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ނިންމީ އެއްވެސް ނަމަކަށް ރުހުން ދޭން ނުފެންނަކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، ހުސައިން ފިޔާޒް މޫސާ މާޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި އުފައްދަވާފައިވާ އޮފީހެކެވެ.