ބ.ފުޅަދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 އިންސައްތަ ނިމި މިހާރު ކުރިއަށްދަނީ ބޭރުތޮށިލުމުގެ މަސައްކަތް ކަމަށެވެ.

އަދި މި މަސައްކަތް ފެށީ 28 ޖޫން 2021 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެއެވެ.

މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށާއި މި މަޝްރޫޢުއަކީ 49.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މިމަޝްރޫޢުގެ ދަށުން 223 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ނިންމާފައިވާއިރު 108 މީޓަރުގެ ސަރަހައްދަކަށް ބޭރު ތޮށިލުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން 283 މީޓަރުގެ ސަރަހައްދަކަށް ރިވެޓްމަންޓް ޖެހުމާއި، ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ އިތުރަށް 558 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓު ހެދުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރީ 2019 ވަނަ އަހަރު ޖުލައި މަހުގައެވެ.

އަދި މި މަޝްރޫޢުއަކީ 390 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.