ޤައުމަށް އެންމެ ފައިދާ ވާނީ ރާއްޖޭގެ އުތުރުގައި ރަސްމީ ބަނދަރު ޤާއިމް ކުރެވިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މައި ސީޕޯޓް ނުވަތަ ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް 2019 އަހަރުގެ ތެރޭގައި ފަށާނެކަމަށް ސަރުކާރުން ބުނެފައި ވީނަމަވެސް، މިމަސައްކަތް ދިގުދެމި އަދިވެސް ވަނީ ފެށޭގޮތް ނުވެފައެވެ. ގުޅީފަޅުގައި ތަައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ވިޔަފާރި ބަނދަރާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރާއްޖެ އެއްފަސްކުރުމުގެ ބަދަލުގައި ލާމަރުކަޒުކުރުން ކަމަށެވެ.

"ވީނިއުސް" އަށް މަޢުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ މުޅި ރާއްޖެ އެއްކޮށް ތަރައްޤީ ކުރުމުގެ ވިސްނުމެއް އެއްވެސް ސަރުކާރަކުން ނުގެންގުޅޭ ކަމަށެވެ. އަދި ސަރުކާރުގެ މައި ވިޔަފާރި ބަނދަރު ޤާއިމްކުރަން އެންމެ ރަނގަޅީ ރާއްޖޭގެ އުތުރުން ހ.އ ނުވަތަ ހ.ދ އަތޮޅުގައި ކަމަށް ސައުދު ވިދާޅުވިއެވެ.މިގޮތުން، ރާއްޖޭގެ އެންމެ އުތުރަކީ އެފްރިކާ ބައްރުގެ ޤައުމުތަކުންނާއި، އެނޫންވެސް ވިޔަފާރި ދަތުރު ކުރާ ޤައުމުތަކުން ބަނދަރުކުރާނެ ސަރަހައްދަކަށް ވެގެންދާނެ ކަމަށާއި، މިއީ ރާއްޖެއަށް ފައިސާ ވަނުމަށް ހުޅުވޭ އިތުރު ދޮރަކަށްވެ، ރާއްޖޭގެ އިގްތިސާދު ފުޅާވެގެންދާނެ ކަމެއް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ގުޅީފަޅުގައި ތަައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ވިޔަފާރި ބަނދަރާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށްޓަކާ އެކަނިވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަންޖެހޭ ކަމަށާއި، ގުޅީފަޅުގައި ޕޯޓު ހެދުމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ.