އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގަ ލަސްތަކެއްވާތީ އެކަމާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.

މެމްބަރު އުޝާމް ފާޑުވިދާޅުވެފައިމިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ ފުރުސަތު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ތިން ވަނަ ފަހަރަށް ހުޅުވާލުމުންނެވެ.

އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ސަރުކާރުން ވަރަށް ޒިންމާދާރު ކުޑަކޮށް، ގާނޫނާހިލާފަށް ކުރަމުންދާކަމެއް ކަމަށާއި ގާނޫނުގެ 47 ވަނަ މާއްދާގަ ބުނަނީ 60 ދުވަސް ތެރޭގައި މީހަކު އައްޔަންކުރަންވާނެ ކަމަށެވެ.

100 ދުވަސް ވެގެން ދިޔައިރުވެސް ނަމެއް ނުފޮނުވޭކަން ފާހަގަކުރައްވާ އުޝާމް ވަނީ ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައިވެސް މީހަކު އައްޔަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

މެމްބަރު އުޝާމްގެ މިފަދަ ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވިއިރު ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމަށް ޖޫން 2 ގައި ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ތިންވަނަ ފަހަރަށް ހުޅުވާލާފައި މިވަނީ، ކުރިން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް މަޖިލީހުން ރުހުން ނުލިބުމުގެ ސަބަބުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ތިން ނަމެއްވެސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ނަމަވެސް އެ ނަންތައް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ނިންމީ އެއްވެސް ނަމަކަށް ރުހުން ދޭން ނުފެންނަކަމަށެވެ.