ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތި ތަކާއެކުވެސް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާއި އެ އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު (އައްޔަ) ކުރި މަސައްކަތަށް އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ތައުރީފު ކޮށްފިއެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދް (އައްޔަ)

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓީޓީ އެސޯސިއޭޝަންގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް އައްޔަގެ ފީޗަރ ރިޕޯޓެއް ޝާއިރުކޮށް އައިޓީޓީއެފް އިން ބުނެފައިވަނީ، އައްޔަގެ މާލިމީ ކަމުގެ ދަށުން ރާއްޖޭގައި ޒުވާނުން ޓީޓީއަށް އަހުލުވެރި ކުރުވުމަށާއި މިހާރުވެސް ކުޅެމުންދާ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއް ތަނަވަސްކޮށްދީ، ފަރިތަކުރަން އެކަށީގެންވާ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑުގެ ސަބަބުން ރާއްޖޭގައި އެޅިފައިވާ ފިޔަވަޅުތަކާއެކު ގިނަ އެސޯސިއޭޝަންތަކަށް މުބާރާތްތައް ބޭއްވުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް ޓީޓީ އެސޯސިއޭޝަނުގެ ފަރާތުން ކުޅުންތެރިންނަށް ހޯދާދީފައިވާ ފުރުސަތުތައް އައިޓީޓީއެފުން ވަނި ފާހަގަކޮށްފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މި އަހަރުގެ މިހާތަނަށް ބާއްވާފައިވާ ތިން އިވެންޓަކީ ޖެނުއަރީ މަހު ކުރިއަށް ގެންދިޔަ ނެޝަނަލް ރޭންކިން މެޗުތަކާއި އޭޕްރީލް މަހު ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރަން ކުރިއަށް ގެންދިޔަ ހަރަކާތުގެ އިތުރުން ރޯދަ މަހަށް ހާއްސަ ކޮށްގެން ބޭއްވި މުބާރާތެވެ.

އައްޔަ އައިޓީޓީއެފްގެ ރަސްމީ ވެބްސައިޓަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ރާއްޖެ އަކީ އޭޝިއާ ސަރަހައްދަށް ބަލާއިރު ކޮވިޑުގެ ނުރައްކާ އެންމެ ބޮޑަށް ގޯސްވި އެއް ގައުމު ކަމަށެވެ، އެހެންނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކަންކަމަށް ބުރޫއެރި ނަމަވެސް، އުސޫލުތަކުގެ ތެރެއިން ލިބުނު ފުރުސަތުތަކުގައި ބޭއްވުނު އިވެންޓުތަކާއިމެދު ހިތްހަމަޖެހޭ ކަމަށް އައްޔަ ވަނި ބުނެފައެވެ.

ޖުމްލަ ތިން އިވެންޓެއް މިއަހަރުގެ މިހާތަނަށް ޓީޓީ އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައިވާއިރު، ޖެނުއަރީ މަހު މުނިއުފާ ޓީޓީ ހޯލުގައި ބޭއްވިގެންދިޔަ ރޭންކިންގް މެޗުތަކަކީ ކުޅުންތެރިންނަށް ލިބިގެންދިޔަ ރަނގަޅު ތަޖުރިބާއެއް ކަމަށް އައްޔަ ވިދާޅުވިއެވެ. އެއީ އެ މެޗުތައް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކޮންމެ އުމުރުފުރާއެއްގެ ކުޅުންތެރިން ވެސް މެޗު މާހައުލަށް ހޭނިފައި ބެހެއްޓުމުގެ ވިސްނުމުގައި ކުރި ކަމެއް ކަމަށާއި އެެކަން ހާސިލްވުމުގައި ކުރިއެރުންތަކެއް ލިބިގެންދިޔަކަން ފާހަގަކުރެވުމުންނެވެ.

އަދި ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލް ތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަކާއި ރަމަޟާން ބޭއްވި މުބާރާތުގައި ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން އެކުވެގެން ރަނގަޅު މެޗުތަކެއް ކުޅެވޭނެ ގޮތަށް މުބާރާތް ރޭވިގެންދިއުމަކީ އެކަމުގެ ފައިދާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރިކަމެއްގެ ގޮތުގައި އައްޔަ ސިފަ ކުރެއްވިއެވެ.

ހާއްސަ ގޮތެއްގައި މިކްސްޑް ޓީމް އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ތަފާތު ސްޓައިލް ތަކުގެ ކުޅުންތެރިންނާއި އެކު ކުޅެ، އިތުރު ތަޖުރިބާތަކެއް ހޯދުމުގެ ފުރުސަތު އެކުޅުންތެރިންނަށް ލިބިގެންދާނެ ކަމަށްވެސް އައްޔަ ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފްގެ އެއްބާރުލެއްވުމާއެކު ގައުމީ ޓީޓީ ޓީމަށް ފެންވަރު ރަނގަޅު މޮޅު ކޯޗެއް ހަމަޖައްސަވާ ދެއްވާފައިވާއިރު، އައު ކޯޗް ކޮންސްޓަންޓީނޯސް ކްސްޓޮޕޮލޮސްގެ އިރުޝާދުގެ ދަށުން އޮގަސްޓް މަހު ރާއްޖޭގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕަށް ޖޫނިއާ ކުޅުންތެރިން ތަމްރީން ކުރުާނެއެވެ.

ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތްތަކުންވެސް ޓީޓީން ރަންވަނަ ތަކެއް ހާސިލް ކޮށްފައިވާއިރު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގައުމާއެކު އައްޔަ ވަނީ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އަމާޒުގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަހަރު ޓީޓީގެ ބައިނަލްއަގްވާމީ ދެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.