ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށުގައި މީހެއްގެ މައްޗަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން 32 އަހަރުގެ ޖަލު ޙުކުމެއް ކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ހަތަރު ދަޢުވާއެއް ކުރެވި، ހަތަރު ދަޢުވާވެސް ވަނީ ސާބިތުވެފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ ބްލޮގްގައި އާންމު ކުރައްވާފައިވާ ހަފްތާ ރިވިއު އޯޑިއޯ ޕޯސްޓްގައި ވިދާޅުވީ، މައްސަލަ ކާމިޔާބު ކުރެވުނީ ވަރަށްގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ.

ޕްރޮސެކިއުޓަރުންނަކީ ލައިނުގެ އެންމެ ފަހަތުގައި ތިބޭ މީހުން ކަމަށާއި، އަސްލު މަސައްކަތް ކުރައްވާ ބޭފުޅުންނަކީ މައްސަލަ ތަހުޤީޤު ކުރައްވާ ބޭފުޅުންނާއި އެކަމުގައި އެހީތެރިވާ އެހެނިހެން ފަރާތްތައް ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މިގޮތުން، ކޭހުގެ ވަރުގަދަކަމާއި ނިކަމެތިކަން ބިނާވެފައި އޮންނާނީ ތަހުޤީޤީ ފެންވަރުގެ މައްޗަށް ކަމަށާއި، ޝަރީއަތުގައި ދެއްކޭނީވެސް، ހުށަހެޅޭނީވެސް ތަހުޤީޤުން ހޯދާފައިވާ މަޢުލޫމާތު ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މިމައްސަލަ ކާމިޔާބު ކުރެވުނީ ޕޮލިސް ސާޖަންޓް އައިމިނަތު އިބްރާހީމް ދީދީ އާއި، ޕީޖީ އޮފީހުގެ އައްޑޫ ގޮފީގައި ދައުލަތް ތަމްސީލް ކުރައްވާ ވަކީލް އަލްއުސްތާޛް މުޙައްމަދު އަލްޠަފްގެ ބުރަ މަސައްކަތުންކަން ފާހަގަކުރެއްވާ ޝަމީމް ވިދާޅުވީ، ލާމަރުކަޒީކޮށް ޖިނާއީ ޢަދުލުގެ ނިޒާމް ހިންގޭކަން މިމައްސަލައިގެ ނަތީޖާއިން ފެނިގެންދާ ކަމަށެވެ.

މިމައްސަލާގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނާއެކު އިތުރު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، މިމައްސަލާގައި ރަނގަޅަށް ކުރެވުނު ކަންތައްތަކާއި، މުޅިން ރަނގަޅަށް ނުކުރެވި ހުރި ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އަދި، އިިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންތައްތައް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.