ދެކުނު އޭޝިޔާގައި ހިމެނޭ ޕާކިސްތާން، ބަނގްލަދޭޝް އަދި ސްރީލަންކައަށް ދަތުރުކުރުން އެމިރޭޓްސް އެއަރލައިނުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އެ ތިން ގައުމަށް ދަތުރުކުރުން އެމިރޭޓްސްއިން ހުއްޓާލީ މި ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމިރޭޓްސް އެއަރލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފިޔަވަޅު އެޅީ ޔޫއޭއީގެ ސަރުކާރުން އެންގި އެންގުމެއްގެ ދަށުން ކަމަށެވެ.

ޕާކިސްތާން، ބަނގްލަދޭޝް އަދި ސްރީލަންކާއަށް ދަތުރު ކުރުން ވަގުތީގޮތުން ހުއްޓާލުމުގެ އިތުރުން، އެއިން ގައުމެއްގައި ވޭތުވެދިޔަ 14 ދުވަހު ހޭދަކޮށްފައިވާ އެއްވެސް މީހަކު، އެހެން ގައުމަކުންވެސް އެމިރޭޓްސް އެއަރލައިންގައި ޔޫއޭއީއަށް ދަތުރުކުރުމުގެ ހުއްދަ ނުދެވޭނޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތްވާގޮތުގެމަތިން، ޔޫއޭއީގެ ރައްޔިތުންނާއި، ޔޫއޭއީ ގޯލްޑަން ވިސާ ހޯލްޑަރުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުންނަށް އެއަރލައިންގައި ދަތުރު ކުރުމުގެ ފުރުސަތު ދެވޭނޭ ކަމަށް ބުނެފައި ވެއެވެ.

އެއަރލައިނުން ބުނެފައިވަނީ، އެމިރޭޓްސްގައި ދަތުރުކުރުމަށް މިހާރު ޓިކެޓް ބުކްކޮށްފައިވާ ފަސިންޖަރުން ބޭނުންނަމަ އެހެން ދުވަހެއްގައި ދަތުރުކުރުމަށް ޓިކެޓްގެ ތާރީޚް ފަސްކުރެވިދާނެ ކަމަށެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން ޔޫއޭއީން މިދިޔަ މަހުވަނީ، 14 ގައުމަކުން އަންނަ މަތިންދާ ބޯޓްތަކަށް އެގައުމުގެ ވައިގެ މަގު މި ޖުލައިމަހުގެ 21 ގެ ނިޔަލަށް ބަންދުކޮށްފައެވެ.

މިގޮތަށް ހެދި ނަމަވެސް، ކާގޯ ފްލައިޓްތަކާއި، ބިޒްނަސް އަދި ޗާޓަރު ފްލައިޓްތައް ކެންސަލް ކޮށްފައެއް ނުވެއެވެ.