ޖުލައި މަހުގެ 23 ވަނަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ފަށާ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ ފެތުންތެރިން ބަދަލުކޮށްފިއެވެ.

ކުރިން އިއުލާނު ކުރެވިފައިވާގޮތުން އޮލިމްޕިކްސް ގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގައުމީ ސްވިމިން ޓީމުގެ އައިޝަތު ޝައުސަން އާއި އަލީ އިމްއާން އެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ، ފީނާ އިން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާން ޖެހުމުން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އަށެވެ.

މިކަން ހާމަކޮށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ފީނާ އިންވަނީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާނެ 2 ފެތުންތެރިން ހޮވައި، 7 މެއި 2021 ވަނަ ދުވަހުގެ ކުރިން އެ ޖަމިއްޔާއަށް އެންގުމަށް އެ އެސޯސިއޭޝަނަށާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް އަންގާފަ ކަމަށެވެ.

އަދި މިދެންނެވި 2 ފެތުންތެރިން ހޮވާނީ 1- ޢާއިޝަތު ސާޖިނާ، 2- ޢާއިޝަތު ސައުސަން، 3- މުބާލް ޢައްޒާމް އިބްރާހީމް، 4- ޢަލީ އިއްމާން، މި 4 ފެތުންތެރިންގެ ތެރެއިން ކަމަށް ފީނާ އިން އަންގާފައިވާ ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން މި އެންގުމަށް އަމަލުކުރުމުގެ ގޮތުން ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި މަޝްވަރާކޮށް، ގައިޑްލައިންތަކެއް ކަނޑައަޅައި، އެގައިޑްލައިންތަކާ އެއްގޮތަށް 4 ފެތުންތެރިންގެ މެދުގައި ވާދަވެރި ޓްރައިލެއްޖަހައި، އެންމެ މަތިން ނަތީޖާ ހޯދި 2 ފެތުންތެރިން ކަމުގައިވާ ޢާއިޝަތު ސައުސަން އަދި ޢަލީ އިއްމާން ގެ ނަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާ ފީނާ އަށް ފޮނުވައި ދިވެހިރާއްޖެ ތަމްސީލުކުރަން ޓޯކިޔޯ އޮލިމްޕިކްސް އަށް ދާނެ 2 ފެތުންތެރިންނަކީ މިދެންނެވި 2 ފެތުންތެރިންކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނާ ސްވިމިންގ އެސޯސިއޭޝަނުން އިއުލާން ކޮށްފައިވާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި އުސޫލުގެތެރެއިން ކަންކޮށް ފެތުންތެރިން ހޮވުމުގައި ޢަމަލުކުރިގޮތް ސްވިމިންގ އެސޯސިއޭޝަނުން ފީނާ އަށް އަންގާފައިވަނިކޮށް، 25 ޖޫން 2021 ވަނަދުވަހު ފީނާ އިން ވަނީ ޓޯކިޔޯ އޮލިމްޕިކްސް އަށް ކޮލިފައިނުވާ ޤައުމުތަކުގެ ފެތުންތެރިން ނެގުމުގައި ޢަމަލުކުރާނީ ފީނާގެ ބައިލޯޒް ގައި ބުނާފަދައިން، ފީނާގެ ރޭންކިންގ އަށްބަލައި އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފެތުންތެރިންނަށް ފުރުޞަތުދޭގޮތަށްކަމަށް ފީނާގެ މެންބަރު ޤައުމުތަކަށް އެ ޖަމިއްޔާއިން ވަނީ އަންގާފައެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ މިގޮތަށް އެންގުމާ ގުޅިގެން އެސޯސިއޭޝަނުން ވަނީ ރާއްޖެއިން ފެތުންތެރިން ނެގުމުގައި ޢަމަލުކޮށްފައިވާނީ، 14 އޭޕްރީލް 2021 ގައި ފީނާއިން އެންގި އެންގުމާ އެއްގޮތަށްކަން ފީނާއަށް އަންގާފައި ކަމަށެވެ. އަދި އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން އިޢުލާނުކޮށް، އެފެތުންތެރިން ވާދަކުރާ އިވެންޓްތަކަށް ތަމްރީނު ހަދަމުންދަނިކޮށް ފެތުންތެރިން ބަދަލުވުމަކީ، ފެތުންތެރިންނާ، ކޯޗުންގެ އިތުރުން ފެތުންތެރިންގެ ޢާއިލާތަކުން އަދި އެސޯސިއޭޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށްވެސް އެސޯސިއޭޝަނުން ފީނާ އަށް އަންގާފައިވާނެކަމަށް ސްވިމިންގ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި ކަންބޮޑުވުންތައް ހިއްސާ ކުރުމާއެކުވެސް ފީނާއިން އޮލިމްޕިކްސް އަށް ކޮލިފައިނުވާ ފެތުންތެރިން ބައިވެރިކުރަން ޤައުމުތަކަށް ފުރުޞަތުދޭނީ ފީނާގެ ބައިލޯޒްގައިވާ ފަދައިން ފީނާގެ ރޭންކިންގ އަށްބަލައިގެންކަމަށާ ކުރިން ވަކިގޮތަކަށް އެންގިފައި އޮތްނަމަވެސް ފީނާގެ ބައިލޯސްގައިވާ ގޮތަށް ފީނާ ރޭންކިންގ އަށް ބަލައި ރާއްޖެ ތަމްސީލުކުރަން ދާނެ ފެތުންތެރިން ފީނާއިން ކަނޑައަޅައި 1 ޖުލައި 2021 ގައި އަންގާނެކަމަށް ބުނެފައިވާ ކަމަށް އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ފީނާ ރޭންކިން އަށް ބަލައި މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާނެ ފެތުންތެރިން ވަނީ ކަނޑައަޅައިފަ އެވެ. އަދި ފީނާ އިން ސްވިމިން އެސޯސިއޭޝަނަށް އެ ފެތުންތެރިންގެ ނަން ފޮނުވީ ވާދަކުރަން ހަމަޖެހިފައިވާ އިވެންޓާ އެކު އެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ. އަދި ސާޖިނާ ވާދަކުރަން ޖެހެނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގަ އެވެ. މިއީ ފީނާ އިން ކަނޑައެޅި އިވެންޓްތަކެކެވެ.

މި ދެ ފެތުންތެރިންނަކީ އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާ އެކު ތަމްރީނު ހެދުމުގެ ފުރުސަތު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އިން ދިނުމުން ރާއްޖެއިން ބޭރުގައި ތަމްރީނު ހަދަމުންދާ ދެ ފެތުންތެރިންނެވެ. ސާޖިނާ ޓްރެއިނިން ހަދަމުން އަންނަނީ މެލޭޝިޔާގަ އެވެ. އަދި މުބާލް ތަމްރީން ފުރިހަމަ ކުރަމުން ދަނީ އޮސްޓްރޭލިއާގަ އެވެ.

މުބާލާއި ސާޖިނާ އަކީ މިދިޔަ އަހަރުތަކުގައި ސްވިމިންގެ ބައިނަލްއަގުވާމީ އިވެންޓްތަކުގައި ބައިވެރިވެފައިވާ ދެ ފެތުންތެރިންނެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ފެތުމުގެ ސްކޮޑުގައި ވެސް މުބާލާއި ސާޖިނާ ހިމެނެ އެވެ.

އޮލިމްޕިކްސްގައި ވާދަކުރާނެ ފެތުންތެރިން ހޮވުމަށް ރާއްޖޭގެ ސްވިމިންގ އެސޯސިއޭޝަނުން ބޭއްވުނު ޓްރަޔަލް ތަކުގެ ނަތީޖާއިން ސައުޝަން އަށް 2997 ޕޮއިންޓު ލިބިފައިވާއިރު ސާޖިނާއަށް ލިބުނީ 2905 ޕޮއިންޓެވެ. އަދި އިމްއާން އަށް 3140 ޕޮއިންޓު ލިބިފައިވާއިރު ޓްރަޔަލްތަކުގެ ނަތީޖާ އަށް ބަލާއިރު ސައުޝަން އަށް 2997 ޕޮއިންޓް ލިބުނުއިރު، ސާޖިނާ އަށް ލިބުނީ 2905 ޕޮއިންޓެވެ. އިމްއާން ވަނީ 3140 ޕޮއިންޓް ހޯދައިފަ އެވެ. މުބާލް އަށް ލިބުނީ 3024 ޕޮއިންޓެވެ.