ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސަރުކާރަށް ގޮވާލައްވައިފިއެވެ.
މެމްބަރު މިކަމަށް ގޮވާލެއްވީ ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެ، އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަންނަމުންދާއިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އިންސާފު ލިބުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރުގައި ބަހުސްކުރައްވަމުންނެވެ.
މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގައެވެ.
މި ގަރާރަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން މެމްބަރު ވަނީ ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މިގަރާރުގައި ވަނީ ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވަމުންދާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރައްވާފއެވެ.
އަދި މީގެ ސަބަބުން ރޭޕްކުރުމާއި ޖިންސީ ގޯނާގެ ޢަމަލުތައް ހިންގުން އިތުރުވެ، މުޖްތަމައުގައި ބިރުވެރިކަމާ ނާމާންކަން އިތުރުވެ، މަގުމައްޗަށްނިކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމަށްވެސް މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ފެނިގެންދަނީ ރޭޕްކުރުމާއި ޖިންސީގޯނާގެ މައްސަލަތައް އިތުރުވަމުންދާތަން ކަމަށާއި މީގެ ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާތަކާއި ގެވެށި އަނިޔާވެސް ހިމެނޭ ކަމަށް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.
އަދި މިބާވަތުގެ މައްސަލަތަކުގައި ކަންބޮޑުވާންޖެހޭ ކަމަކީ މިފަދަ ބޮޑެތި މައްސަލަތަކުގެ ސަބަބުން ގައުމުގެ މުސަތަގުބަލް ބަަނަވެ، އަންނަން އޮތް ޖީލައްވެސް ރަނގަޅު މުސްތަގުބަލެއް ހޯދައިނުދެވޭ ހިސާބަށް ގައުމުގެ އިޖްތިމާއީ އަދާލަތު ކުދިކުދިވެގެން ދިޔުން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ޖިންސީގޯނާ އަދި ރޭޕްގެ ޝިކާރައަކަށްވެގެން ދިޔުމަަށްފަހު އެ މީހުންގެ ތަބީޢަތަށާއި މިޒާޖަށް ބޮޑެތި ބަދުތަކެއް އަންނަކަން ފާހަގަކުރައްވާ މެމްބަރު ވަނީ އެފަދަ މީހުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ހިއްސާކުރައްވާފައެވެ.
އަދި މިކަންކަމާމެދު ވިސްނާއިރު ފެނިގެންދަނީ ފެއިލްވެފައިވާ ދައުލަތެއް ކަމަށާއި އަނިޔާ ލިބުނު އެއްވެސް މީހަށް އެކަށީގެންވާ އިންސާފެއް ހޯދައިދޭން ސަރުކާރުން މަސައްކަތްނުކުރާ ކަމުގެ ތުހުމަތުވެސް މެމްބަރު ވަނީ ކުރައްވާފައެވެ.
މި ގަރާރަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މިފަދަ މައްސަލަތަކަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭ މައްސަލަތަކެއް ކަމަށާއި މިކަންކަމަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނީ ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެން ކަމަށެވެ.
ޅަފަތުގެ ދައުރުގައި ސްކޫލަށް ކިޔަވަންދާ ދަރިވަރަށް ޖިންސީގޯނާ އަދި ރެޕްފަދަ މައްސަލަތަކަކީ ކިހާވަރެއްގެ ކަމެއްކަން އެނގެންޖެހޭ ކަމަށާއި މިފަދަ ކަންކަން ބެލެނިވެރިންނަށްވެސް އެނގެންއޮތީ ތައުލީމީ ނިޒާމު ހަރުދަނާކުރެވިގެން ކަމުގައި ދެކޭ ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
މެމްބަރު އާޒިމް ވަނީ އިޚްލާސްތެރިކަމާއެކު މި މައްސަލައަށް ބަހުސްކޮށްދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.