ކޮވިޑްބަލި ފެތުރުން ހުއްޓުވަން އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް މި ޖުލައިމަހުގެ 19 ގެ ކުރިން އުވާލަން ނިންމައިފިއެވެ.

ގައުމާ މުޚާތަބު ކުރައްވާ މިކަމާބެހޭ ޕްލޭސް މިއަދު އިއުލާން ކުރެއްވީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއެވެ.

ކޮވިޑް ފެތުރުން ހުއްޓުވަން އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކުގެ އިތުރުން، އިޖުތިމާއީ ގައިދުރު ކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމާއި އަދި މާސްކް އެޅުމަށް މަޖުބޫރުކޮށްފައިވާ ނިންމުން އުވާލަންވެސް ވިސްނަވަމުންދާ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިކަމާ ގުޅޭ އެންމެފަހުގެ ނިންމުން ނިންމަވާނީ އަންނަ ހަފްތާ ތެރޭގައި ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، އެންމެންވެސް ވައިރަސްއާއެކު އުޅެން ދަސްކުރަން ޖެހިފައިވާ ކަމަށެވެ.

ފިޔަވަޅުތައް އުވާލުމުން، ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާނެގޮތެއް ނިންމާނީ ރައްޔިތުން ކަމަށާއި، އާންމު ހާލަތުގައި އުޅޭނީތޯ ގޮތެއް ނިންމާނީވެސް ރައްޔިތުން ކަމަށް ޖޯންސަން ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ، ފިޔަވަޅުތައް އުވާލުމުން ކޭސްތައް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުން ކަންކަން ދޫކޮށްލާނީ އާންމު ފަރުދުން އެމީހުންގެ ޒިންމާތައް އަދާކުރުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ވެކްސިން ޕްރޮގްރާމްގެ ސަބަބުން ބަލީގެ ހާލު ބޮޑުވާ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް ދަށްކުރެވިފައިވާ ކަމަށާއި، ނަމަވެސް ކޮވިޑް ނައްތާނުލެވޭ ކަމަށް ޖޯންސަން ވިދާޅުވިއެވެ.

ވެކްސިން ޖެހުމުގައި އިނގިރޭސިވިލާތް އުޅެނީ ވަރަށް ކުރީގައެވެ. މިއަދާހަމައަށް އެ ގައުމުގެ އާބާދީގައި ހިމެނޭ ދޮށީ އުމުރުގެ މީހުންގެ 86 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް، 64 އިންސައްތަ މީހުން ދެޑޯޒް ޖަހާފައި ވެއެވެ.

އިނގިރޭސިވިލާތުގައި މިހާރު ކޮވިޑް އިތުރުވަމުންދަނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުންނެވެ. ޑެލްޓާގެ ސަބަބުން ކޭސްތައް ކޮންމެވެސް ވަރަކަށް އިތުރުވެސް ވާން ފަށާފައި ވެއެވެ.

އެހެން ނަމަވެސް، ޕަބްލިކް ހެލްތު އިންގްލެންޑްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވެކްސިންގެ ސަބަބުން ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ބަލިޖެހުނަސް ބަލީގެ ހާލަތު ގޯސްވުމާއި، ހޮސްޕިޓަލުގައި އެމިޓްކުރަންޖެހޭ ހާލަތަށް މީހާ ގެންދިއުން ކުޑަކޮށްދެއެވެ. ޑެލްޓާ ވޭރިއެންޓް ކޮވިޑް ވެކްސިނަށް ވަރަށް ބޮޑަށް ގުޑާކަމަށެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރެއްވި ލުއިތައް ތަންފީޒުކުރަނީ އިންގްލެންޑްގައި އެކަންޏެވެ. ސްކޮޓްލެންޑް، ވޭލްސް އަދި ނޮދަރން އަޔަރލޭންޑް އޭގެ ތެރޭގައި ނުހިމެނެއެވެ.

ބަލީގެ ހާލަތު ގޯސްވެ، އިންގްލެންޑް މީގެކުރިން ތިން ފަހަރަށް ލޮކްޑައުން ކޮށްފައި ވެއެވެ.