ރަޝިޔާގައި ފަސިންޖަރުން ގޮވައިގެން ދަތުރުކުރި މަތިންދާ ބޯޓެއް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވަނީ އޭއެން-26 އެއަރލައިންގެ މަތިންދާ ބޯޓެކެވެ.

ބޯޓު ގެއްލުނުއިރު އޭގައި 28 މީހުން ދަތުރުކުރި ކަމަށް ރަޝިޔާގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

ބޯޓު ގެއްލިފައިވަނީ ރަޝިޔާގެ ދުރުއިރުމަތީ ކެމްޗަޓްކާ ޕެނިންސޫލާ ސަރަހައްދުންނެވެ. ބޯޓު ދަތުރުކުރީ ޕެޓްރޮޕަވްލޯސްކް-ކެމްޗަޓްސްކީ އިން ފުރައިގެން ކެމްޗަޓްކާގެ ޕަލާނާއަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބޯޓު ގެއްލުނުކަން އެނގުނީ ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑުމުންނެވެ.

މިކަމާ ގުޅިގެން އެކި މަސްދަރުތަކާ ހަވާލާދީ ތަފާތު ރިޕޯޓްތައް ފެތުރެމުން އެބަދެއެވެ.

ބައެއް ރިޕޯޓްތައް ބުނަނީ، ބޯޓު ކަނޑަށް ވެއްޓިފައިވާ ކަމަށެވެ. އަނެއްބައި ރިޕޯޓްތައް ބުނަނީ، ބޯޓު ވެއްޓުނީ ޕަލާނާ ކައިރީގައި ހުންނަ ބޯޓުދެލިނަގާ ތަނަކަށް ކަމަށެވެ.

ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތް ކަމާބެހެ ފަރާތްތަކުން ހެލިކޮޕްޓަރު ބޭނުންކޮށްގެން މިހާރު ފަށާފައިވާއިރު، މީހުން ސަލާމަތްކުރާ ޓީމުތައް މިހާރު ތިބީ ތައްޔާރީ ހާލަތުގައި ކަމަށް ވެއެވެ.

ރަޝިޔާއަކީ މަތިނދަ ބޯޓު އެކްސިންޑެންޓުތައް ކުރިން ވަރަށް ގިނައިން ހިނގާ ގައުމެކެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި ރަޝިޔާއިންވަނީ އެގައުމުގެ އެއަރ ޓްރެފިކް ސޭފްޓީ ރެކޯޑް ރަނގަޅުކޮށްފައެވެ.

އެކަމަކުވެސް، އެކަށީގެންވާ ގޮތަކަށް މެއިންޓެނަންސްގެ ކަންކަން ކުރިއަށް ނުގެންދާތީއާއި، ސަލާމަތީ ރައްކާތެރިކަން އެކަށީގެން ގޮތެއްގައި ނުބެލެހެއްޓޭތީ މިހާރުވެސް ދޭތެރެ ދޭތެރެއިން އެކްސިޑެންޓުތައް ހިނގައެވެ.