ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކަމުންދިޔަ ވިއުގައެއް އަތުލައިގަނެ އެތައްބަޔަކު ހައްޔަރުކުރިއިރު، ހައްޔަރުކުރި މީހުންގެ ތެރޭގައި ސްރީލަންކާގައި ވެރިކަންކުރާ ޕާޓީގެ ސިޔާސީ އެތައް މެމްބަރުންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

ސްރީލަންކާ ފުލުހުން ބުނެފައިވަނީ، ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުންގެންދިޔަ ވިއުގައެއް އަތުލައިގަނެ މިހާތަނަށް ޖުމްލަ 32 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އަޖިތު ރޯހަނާ ވިދާޅުވީ، ހައްޔަރުކުރި 32 މީހުންގެ ތެރެއިން 22 މީހުންނަކީ، މިމައްސަލާގައި ހިމެނޭ އުމުރުން 15 އަހަރުގެ އަންހެންކުއްޖާއާ ޖިންސީގުޅުން ހިންގާފައިވާކަން އެނގިފައިވާ މީހުން ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކުރި މީހުންގެ މައްޗަށް ފުލުހުން އަދި ދައުވާއެއް ނުއުފުލައެވެ. މިމައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ، ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންގެންދިޔައީ 2 ވެބްސައިޓެއް ބޭނުންކޮށްގެން ކަމަށެވެ.

މީގެ އެއް ވެބްސައިޓުން ވިއްކަމުންގެންދިޔަ އެއްކުއްޖަކީ އުމުރުން 15 އަހަރުގެ އަންހެންކުއްޖާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ އަންހެންކުއްޖާގެ ފޯނު ރެކޯޑިންގތައްވެސް ފުލުހުންވަނީ ހޯދައިފައެވެ. ފޯނު ރެކޯޑިންގއާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، އެ އަންހެންކުއްޖާ އެތައް ފަހަރަކު ރޭޕްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ސްރީލަންކާގެ ގާނޫނު ބުނާގޮތުން، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކާ ޖިންސީގުޅުން ހިންގުމަކީ ރޭޕެވެ. އެކަމުގެ އަދަބަކީ 20 އަހަރަށް ޖަލަށްލުމެވެ.

ހަށީވިއްކުމުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި، ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 2 ވެބްސައިޓްގެ ވެރިންގެ އިތުރުން، ރާއްޖޭގެ ކުރީގެ ސްޓޭޓް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ މުހަންމަދު އަޝްމަލީއާއި، ވެރިކަންކުރާ ޕާޓީގެ އުތުރު-މެދުތެރޭ ރީޖަންގެ ސިޔާސީ އެތައް ބޭފުޅުން ހިމެނެއެވެ.

ދެން ހައްޔަރުކުރި މީހުންގެ ތެރޭފައި ބުދިސްޓު ހާމުދުރެއްގެ އިތުރުން، މަޝްހޫރު ޖެމް ޑީލަރަކާއި، ކަނޑުގެ ސިފައިންގެ ކެޕްޓަނެއްގެ އިތުރުން، އުމުރުން 15 އަހަރުގެ އަންހެން ކުއްޖާގެ މަންމަވެސް ހިމެނޭ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މުހަންމަދު އަޝްމަލީ އިއްޔެވަނީ ކޯޓަށް ހާޟިރުކޮށް ޖުލައި 16 ގެ ނިޔަލަށް ބަންދުގެ މުއްދަތު ޖަހާފައެވެ.

އަޝްމަލީގެ ގާނޫނު ވަކީލު ކޯޓުގައި ވިދާޅުވީ، އަޝްމަލީ ބުކިންގ ހެއްދީ ތެޔޮ މަސާޖެއް ކުރުމަށް ކަމަށާއި، އޭނާ އެކަންކުރީ އޮންލައިން އިޝްތިހާރެއް ފެނިގެން ކަމަށެވެ. އަދި އެކަމުގައި ކުޑަކުދިން ހިމެނޭ ކަމަށް އޭނާއަށް ނޭނގޭ ކަމަށްވެސް ވަކީލު ކޯޓުގައި ވިދާޅުވެފައި ވެއެވެ.

ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކަމުން ގެންދިޔަ ވިއުގަ ފުލުހުން އަތުލައިގަތީ، 15 އަހަރުގެ އަންހެން ކުއްޖާއާބެހޭ މައުލޫމާތު މިދިޔަމަހު ލިބި، އެކަމަށް ފާރަލުމަށްފަހުގައެވެ.