މިއަހަރުގެ އޮގަސްޓް މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި ކޮމަންވެލްތް ޔޫތް ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ "އަދަދު" އަށް މައުލޫމާތު ދެއްވަމުން އައްޔަ ވިދާޅުވީ ސައުތު އޭޝިއަން ޖޫނިއާ މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އޭޝިއާ މުބާރާތާއި ދުނިޔޭގެ މުބާރާތްތަކަށް މި މުބާރާތުގެ ތެރެއިން ފަހިވާން އޮތް ފުރުސަތުތަކާ އެއްގޮތަށް ކުރިއަށް ދިއުން ކަމަށްވީ ނަމަވެސް އޭޝިއާގެ މުބާރާތާއި ދުނިޔޭގެ ފެޑެރޭޝަންގެ މުބާރާތުގެ ޝެޑިއުލަށް ބަދަލުތަކެއް އަންނާތީ ރާއްޖޭގައި ބާއްވާ މުބާރާތްތަކަށް ވެސް ބަދަލެއް ގެންނަން ނިންމީ ކަމަށެވެ.

އަދި ރާއްޖޭގެ ކީ ޕްލެޔަރުން ކަމަށްވާ އައިޝަތު ރަފާ ނާޒިމް އާއި ދީމާ އަލީގެ ތެރެއިން ރަފާއަށް ކުރިއަށް އޭލެވެލް އިމްތިހާނު އޮތުމުގެ އިތުރުން ކޮވިޑުގެ ސަބަބުން ތައްޔާރީތަކަށް އެޅިފައިވާ ހުރަސްތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުން ތަކުގެ ސަބަބުން އެންމެ ރަނގަޅު ގޮތަކީ މުބާރާތް ފަސްކުރުން ކަމަށް އައްޔަ ވިދާޅުވިއެވެ.

ހާއްސަކޮށް މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އަދިވެސް މި ކުޅުންތެރިންނަށް ފިޒިކަލީ މޭޒު ކައިރީގައި ޕްރެކްޓިސް އެއް ކުރެވިފައި ނުވާކަން އައްޔަ ހާމަކުރެއްވިއެވެ.

އައްޔަ ވިދާޅުވީ މުބާރާތް ފަސްކުރަން ވިސްނަން ޖެހުނު އަނެއް ސަބަބަކީ މުބާރާތް ބާއްވަން ބޭނުންވާ ސޯޝަލް ސެންޓަރު ލިބޭނެ ދުވަހެއް ޔަގީންކޮށް ނޭނގުމުން ކަމަށެވެ. އެއީ ސޯޝަލް ސެންޓަރު އަދި ވެސް އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބެލުމުގެ ދަށުގައި ކަމަށް ވެފައި ކޮވިޑްގެ ހާލަތު މި ވަގުތު އޮތްގޮތުން ސީދާ މުބާރާތެއް ތާވަލުކުރެވެން ނެތީ ކަމަށް އައްޔަ ވިދާޅުވި އެވެ.

މުބާރާތް ލަސްކުރުމަށް މަސައްކަތް ކުރަމުން އަންނަައިރު އައްޔަ ވިދާޅުވީ ސައުތު އޭޝިއާގެ ހަތް ގައުމު ވެސް ޓޭބަލް ޓެނިހުގެ ކަންތައްތަކުގައި މަސައްކަތްކުރަނީ ވަރަށް ގާތްކޮށް ކަމަަށެވެ. އެހެންކަމުން ރާއްޖޭން ހުށަހަޅާ ގޮތަށް އެ ތާރީހުތަކުގައި އަންނަ އަހަރު މުބާރާތްތައް ބޭއްވޭނެ ކަމުގެ ބޮޑު އުންމީދެއް އޮތްކަމަށް އައްޔަ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓީޓީ އެސޯސިއޭޝަންގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހު އައްޔަ ވަނީ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އަމާޒުގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިމަތިވެފައިވާ ކޮވިޑުގެ ހާލަތާއެކުވެސް އެންމެ އެކްޓިވް އެއް އެސޯސިއޭޝަނުގެ ގޮތުގައި ފާހަގަ ކުރެވެނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނެވެ.